ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ، މިލަދޫ ބަނދަރާއި، ފެނަކަ އިންޖީނުގެ އަދި އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ މިލަދޫ ބަނދަރާއި، ފެނަކަ އިންޖީނުގެ އަދި އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވީ، މިހާރު އެމަނިކުފާނު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުކުރީގައި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި، ނ. މިލަދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު ސަރުކާރުން ޙަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ. މިމަޝްރޫގެ ދަށުން ބަނދަރާއި ނެރު ފުންކޮށް، ރޭމްޕް ހަދައި، ނެރުބައްތި އާއި ބަނދަރު ބައްތި ޖަހައި، ޕޭވްމަންޓްވަނީ އަޅާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި، ފެނަކަ އައު އޮފީސް ޢިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. މީގެކުރިން ހުރި އޮފީސް ޢިމާރާތަކީ، 3 މީހުންގެ ޖާގައިގެ އިމާރާތެކެވެ. މިއަދު ހުޅުވި ފެނަކަ އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ، 1080ކިލޯވޮޓްއެވެ.

އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް ޚިދުމަތްތައް ފުޅާކުރެއްވުމަށް ސަރުކާރުން ވަނީ ރަށްރަށުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގައި ނިންމާފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެތަންތަން ރަސްމީ ގޮތުން ހުޅުއްވައި ދެއްވައި، ޚިދުމަތްތައް ދަނީ އިފްތިތާޙް ކޮށްދެއްވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ސަރުކާރުގެ ސިޔާސަތަކީ ވަކިރަށެއް ތަފާތުކުރުމެއްނެތި ހުރިހާ ރަށަކަށްވެސް ތަރައްޤީ ކަށަވަރުކޮށްދިނުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން