އިންޑިއާގެ ލޯނުތަކަށް ބަރޯސާނުވެ ދިވެހިން ހިންދަމާލަން ޖެހޭ ކަމަށް ޕްރޮފެސަރ ހަސަން އުގައިލް މިއަދު ވިދާޅުވެއްޖެއެވެ.

އަވަށްޓެރި އިންޑިއާއިން ލޯނު ނަގައިގެން ރާއްޖޭގައި ގިނަ މަޝްރޫޢުތަކެއް ހިންގަމުން އަންނަ މިދަނޑިވަޅުގައި ޕްރޮފެސަރ އުގައިލް ވިދާޅުވީ އިންޑިއާއިންދޭ ލޯނުތަކަށް ބަރޯސާވެގެން ތާއަބަދު ނޫޅެވޭނެ ކަމަށެވެ.

އެހެންކަމުން އަމިއްލަ ފައިމައްޗަށް ތެދުވެ ހިންދަމާލައިގެން އުޅެން ދިވެހިންވެސް ދަސްކުރަންޖެހޭ ކަމަށް އުގައިލް ވަނީ ވިދާޅުވެފައެވެ.

އުގައިލް މިމޭރުމުން ވިދާޅުވެފައިވާއިރު ޖުމްހޫރީ ޕާޓީން ރޭ ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް ޑރ. ވަޙީދުވެސް ވިދާޅުވީ ރާއްޖެ މިހާރު އޮތީ އިޤްތިޞާދީގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ޙާލަތުގައި ކަމަށެވެ. އަދި އެއްޤައުމަކަށް ބަރޯސާވެގެން ކުރިއެރުމެއް ނުލިބޭނެ ކަމަށް ޑރ. ވަޙީދު ވިދާޅުވިއެވެ.

އޭގެ އިތުރުން ޖޭޕީގެ ލީޑަރ ޤާސިމްވެސް ވިދާޅުވީ އަބަދު އިންޑިއާ އަށްވެސް ދިވެހިންނަށް އެހީތެރި ނުވެވޭނެ ކަމަށެވެ. އެހެންކަމުން އިޤްތިޞާދީ ގޮތުން އެހެނިހެން ޤައުމުތަކާއެކުވެސް ރަނގަޅު ގުޅުންތަކެއް އުފައްދަންޖެހޭ ކަމަށް ޤާސިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން