ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމްގެ ތަޞައްވުރަކީ ރާއްޖޭގައި ހުރި މައްސަލަތަކުގެ މުލަށް ފައިބައިވަޑައިގެން އެމައްސަލަތައް ޙައްލުކުރަން މަސައްކަތް ކުރެއްވުންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

"ކަށަވަރު ބޯހިޔާވަހިކަން" މިނަމުގައި ރޭ ޖުމްހޫރީ ޕާޓީން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުން ޢަލީ ޙުސައިން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ލީޑަރ ޤާސިމް އިބްރާހީމްގެ ތަސައްވުރަކީ މައްސަލައިގެ މުލަށް ފައިބައި މައްސަލަ ހައްލުކުރަން މަސައްކަތްކުރުން ކަމަށެވެ. އެއީ ދިވެހިރާއްޖެއަށް ސަރަހަށްދީ ތަރައްގީ ގެނައުންކަމަށް ޢަލީ ވިދާޅުވިއެވެ.

ސަރަހަށްދީ ތަރައްގީ ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކަކީ، އިގްތިސޯދު ފުޅާކުރުމާއި، އެހެންތަންތާގައި އިގްތިސޯދީ ހަރަކާތް އުފެއްދުމާއި، ވަޒީފާތައް އުފެއްދުމާއި، މާލެ ނޫން ސަރަހަށްދުތަކުގައި ބޭސްފަރުވާ ލިބޭނެ ގޮތް ކަނޑައެޅުމާއި، މިހުރިހާކަމެއްކަމަށާ، މިއީ ހަގީގަތުގައި ރައްޔިތުން ބޭނުންވެގެން މިހާތަނަށް ފުރިހަމަ ނުވެގެން އުޅޭ ކަންކަންކަމުގައި އަލީ ފާހަގަކުރެއްވިއެވެ.

އެހެންކަމުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިިޑޭޓަކީ މިކަން ކޮށްދެވޭނެ ބޭފުޅެއްކަމަށާ، އެކަމުގެ ތަޖުރިބާއާއި ޤާބިލްކަމާއި ތަޞައްވުރެއް އޮތް ބޭފުޅަކީ ޤާސިމްކަމަށް އަލީ ވިދާޅުވިއެވެ. ޤާސިމަކީ ރަށެއް ޓްރާންސްފޯމްކޮށްފައި ހުރި ބޭފުޅެއްކަން ފާހަގަކުރައްވަމުން ޢަލީ ޙުސައިން ވިދާޅުވީ، ރަށެއް ޓްރާންސްފޯމްކޮށްފައި ހުންނެވި ބޭފުޅަކަށް، ގައުމުވެސް ޓްރާންސްފޯމް ކުރެވޭނެކަމަށެވެ.

އެހެން ކެންޑިޑޭޓުންގެ ސިޔާސަތުތަކާއި ޓްރެކް ރެކޯޑު ބަލާލީމާ ޤާސިމްގެ ތަފާތު ފެންނާނެކަން ފާހަގަކުރައްވަމުން ޢަލީ ޙުސައިން ވިދާޅުވީ، އަމިއްލަ ރަށް ޓްރާންސްފޯމްކޮށްފަ ހުރި އެހެން އެއްވެސް ބޭފުޅަކު ޤާސިމް ނޫނީ މި ކެންޑިޑޭޓުންގެތެރޭގައި އެބަހުރިތޯ ސުވާލުކުރައްވާފައެވެ.

އދ.މާމިގިއްޔަށް ޤާސިމް އިބްރާހީމް ގެނެސްދެއްވާފައިވާ ތަރައްޤީއާއި ބަދަލުތަކަށް އިޝާރާތްކުރައްވައި ޢަލީ ޙުސައިން ވިދާޅުވީ އެރަށަށް އަރާ ބަލާލީމާ ކޮންމެ މީހަކަށްވެސް މިމަންޒަރު ފެންނާނެކަމަށެވެ. ފަޅެއްގެ ތެރެއިން ބޮޑުސިންގާ އިންޓަނޭޝަނަލް އެއާޕޯޓެއް އެއޮތީ ހައްދަވާފައިކަމަށާ، ފަޅަކަށް ކާގޯ ބޯޓު އާދެވޭނެގޮތް އެއޮތީ ހައްދަވާފައިކަން އަލީ ފާހަގަކުރެއްވިއެވެ. އެހެންކަމުން ރަށެއް ޓްރާންސްފޯމްކޮށްފައި ހުންނެވި ބޭފުޅަކަށް، ގައުމުވެސް ޓްރާންސްފޯމް ކުރެވޭނެކަމަށް ޢަލީ ޙުސައިން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން