ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމް ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުތަކަކީ އެކަން ކުރެވޭނެގޮތް ހޯދައި ޔަޤީންކުރުމަށްފަހު ވެވަޑައިގެންފައިވާ ވަޢުދުތަކެއްކަމަށާ، އެހެންކަމުން ޖުމްހޫރީ ޕާޓީގެ ވެރިކަމުގެ 5 އަަހަރުދުވަހުގެތެރޭގައި ޤާސިމްގެ ހުރިހާ ވަޢުދެއް ފުރިހަމަވެ ނިމޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ޤާސިމް އިބްރާހީމްގެ ރަނިންމޭޓު ޑރ. އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީން ރޭ ކުރިއަށްގެންދިޔަ ޕެނަލްޑިސްކަޝަންގައި ވާހަކަފުޅުދައްކަވަމުން އަމީން ވިދާޅުވީ ގާސިމް އިބްރާހީމްގެ ފަސް އަހަރުގެ ދައުރު ނިމެންވާއިރަށް އެމަނިކުފާނު ރާއްޖޭގެ ރައްޔިތުންނަށް ކޮށްދެއްވާނެކަމަށް ވިދާޅުވެފައި ހުރި ކަންތައްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، ހާއްސަކޮށް ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި ހުރިހާ ރައްޔިތުންނަށް ފަސް އަހަރުގެ ދައުރު ނިމެންވާއިރަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުންކަމަށެވެ.

"ކަށަވަރު ބޯހިޔާވަހިކަން" މި މައިގަނޑުގެ ދަށުން އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތަކަކީ އެއްވެސް ޝައްކެއް ނެތްގޮތެއްގައި ވަރަށް ބައްލަވާފައި އަދި އެކަންކަން ކޮށްދެވޭނެކަމުގެ ޔަގީންކަން ހޯއްދަވާފަ ވެވަޑައިގަންނަވާ ވައުދުތަކެއްކަމަށް އަމީން ވިދާޅުވިއެވެ.

ބޯހިޔާވަހިކަމަކީ ރާއްޖޭގައި މިއަދަކު އެކަނި އޮތްކަމެއް ނޫންކަމަށާ، ރާއްޖޭގައި ވަރަށް ކުރީއްސުރެ ފެށިގެންވެސް އޮތް މައްސަލައެއްކަން އަމީން ފާހަގަކުރެއްވިއެވެ. އަދި މިއަދު ރާއްޖޭގައި ގެދޮރުގެ ކަންތައްތައް ނިޒާމީ ގޮތެއްގައި ހަމަޖެހިގެން ދިޔުމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ވަރަށް ބޮޑަށް އެއަށް ޑިމާންޑް ކުރާކަމެއްކަން އަމީން ފާހަގަކުރެއްވިއެވެ.

އެހެންކަމުން ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް ބޯހިޔާވަހިކަން ކަށަވަރުވުމަކީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ފަސް އަހަރު ނިމެންވާއިރަށް ކަށަވަރުކަންދޭ ކަމެއްކަމަށާ، އެކަން ޤާސިމް ކުރައްވާނެކަމަށް އަމީން ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ ވެރިކަމުގެ ފުރަތަމަ 5 އަހަރުދުވަހުގެތެރޭގައި 30،000 ހައުސިން ޔުނިޓު ހަދައި ނިންމައި ރައްޔިތުންނާ ޙަވާލުކުރާނެކަމަށް އެމަނިކުފާނު ވަނީ ވަޢުދުވެވަޑައިގެންފައެވެ.

ޤާސިމް އަމީން 2023، މެނިފެސްޓޯގައިވާ މުހިންމު ވަޢުދުތަކުގެތެރޭގައި ކަށަވަރު ބޯހިޔާވަހިކަމުގެ ދަށުން މުހިންމު ގިނަ ވަޢުދުތަކެއް ހިމަނާފައިވެއެވެ. އެގޮތުން ރިޔާސީ ދައުރުގައި 30،000 ހައުސިން ޔުނިޓު ހަދައި ބޯހިޔާވަހިކަން ބޭނުންވެ، ނުލިބިތިބި އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން