ޒުވާނުންނަކީ ޤައުމުގެ މުސްތަޤްބަލް ކަމަށާއި އެހެންކަމުން ޒުވާނުންނަށް ބަސް ބުނަން ފުރުސަތު ދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕޭންގައި ނ. ލަންދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް މިއަދު ވިދާޅުވީ ޒުވާނުންނަކީ މުސްތަގުބަލުގައި ގައުމު ހިންގާނެ މީހުންކަމަށް ގަބޫލުކުރާނަމަ މިއަދު ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދޭންޖެހޭކަމަށެވެ. އެގޮތުން ރައީސް ވަނީ އެމްޑީޕީން ޒުވާނުންނާމެދު ގެންގުޅޭ ސިޔާސަތުގެ މައްޗަށް އަލިއަޅުވާ ލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުގައި ކޮންމެ ދާއިރާއަކުން ވެސް ޒުވާނުންނަށް ފަހި ފުރުސަތުތަަކާއި ބޭނުންވާ ވަސީލަތްތައް ގާއިމް ކޮށްދީފައިވާ ކަމަށެވެ. އެގޮތުން ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންވެސް ކުރިއަށް ދެވޭނެ މަގު ހުޅުވާލައްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު ޤައުމުގެ ނިންމުންތައް ނިންމުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރަން ޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ.

"ޒުވާނުންނަކީ މާދަމާގެ ވެރިންކަމަށް ގަބޫލުކުރާކަމުގައި ވަންޏާ ޒުވާނުންނަށް ބަސް ބުނަން ފުރުސަތު ދޭންޖެހޭ،" ރައީސް ވިދާޅުވިއެވެ.

ޕެންޝަން އޮފީހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިފަސް އަހަރުގެ ތެރޭގައި 20،000 އަށް ވުރެ ގިނަ ވަޒީފާ އުފެއްދިއްޖެ ކަމަށާއި، 18،000 ދަރިވަރުން ރާއްޖޭގެ އެކި ރަށްރަށުން، ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހޯދާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ޒުވާނުންނަށް އަމިއްލަ ވިޔަފާރި ކުރުމުގެ މަގު ތަނަސްވަސް ކޮށްދިނުމަށް ތައާރަފް ކުރި އެސްއެމްއީ ލޯން 1،600 އަށް ވުރެ ގިނަ ފަރާތަކަށް ލިބިފައިވާކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް މިއަދު ވަނީ އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިޚާބު ވެއްޖެނަމަ ލަންދޫއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

އެގޮތުން އެރަށުގެ ބޮޑެތި މަގުތައް ޒަމާނީކޮށް ތާރު އެޅުމަށާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ސިއްހީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމާއި، ކޮމިއުނިޓީ ސެންޓަރަކާއި، އިންޑޯ ޖިމެއް ގާއިމްކުރަށްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު ފުޓްސަލް ދަނޑު އަޕްގްރޭޑްކުރުމާއި، ކުނި މެނޭޖުކުރާނެ ޒަމާނީ ނިޒާމެެއް ގާއިމްކުރުމާއި، މަސްމާރުކޭޓަކާއި، ކުޑަކުދިންގެ ޕާކު ތަރައްގީކުރުމަށް ރައީސްވަނީ ވަޢުދުވެފައެވެ.

ސެޕްޓެމްބަރ 9 ވަނަ ދުވަހަކީ މި ކަންކަން ޙަޤީޤަތަކަށް ހެދުމާމެދު ގޮތްނިންމަން ރައްޔިތުންނަށް ލިބޭ ދުވަސްކަމަށްވެސް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން