ކުރިއަށްއޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ވެއްޖެނަމަ ބަރަހަނާ ސައިޓްތައް ބްލޮކް ކޮށް، ޖީއެސްޓީ 3 ޕަސެންޓަށް ކުޑަކޮށް ދެއްވާނެކަމަށް އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރަށްވާ އަޙްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ފާރިސްގެ މެނިފެސްޓޯ ލޯންޗު ކުރުމަށް ސަލްޓަންޕާކުގެ އޯޕަން ސްޓޭޖްގައި ރޭ ބޭއްވި ބައްދަލްވުމުގައި ފާރިސް ވިދާޅުވީ އެއްވެސް ކަމަކީ މަސައްކަތް ކޮށްފިނަމަ ނުވާނެ ކަމެއް ނޫން ކަމަށެވެ.

އެގޮތުން މި ކުރާ މަސައްކަތުން އެންމެ މީހަކަށްވެސް ހިތްވަރު ލިބިއްޖެނަމަ، އޭނާގެ ފަރާތުން އިތުރު ދެމީހުންނަށް ހިތްވަރު ލިބި، އެކަން ފެތުރިގެންދާން މާގިނަ ވަގުތުތަކެއް ނުނަގާ ކަމަށް ފާރިސް ވިދާޅުވިއެވެ. އެހެންކަމުން އުއްމީދު ފަތުރާލައި، މާޔޫސް ވާފަހަރު ފަހަރު އެކަކު އަނެކަކަށް ހިތްވަރު ދެއްވުމަށް ފާރިސް އެދިވަޑައިގެންނެވިއެވެ.

ފާރިސްގެ މެނިފެސްޓޯގައި ގިނަ ކަންތައްތަކެއް ހިމަނާފައިވާއިރު އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ މިހާރު ޖީއެސްޓީއަށް ނަގާ 8 އިންސައްތަ 3 އިންސައްތައަށް ކުޑަކުރެއްވުމާއި، ސްޕާތައް ބަންދުކުރުމާއި، ބަރަހަނާ ސައިޓްތައް ބްލޮކްކުރުމެވެ. އޭގެ އިތުރުން ޑިޖިޓަލް ބޭންކިންއާއި ޑިޖިޓަލް ވޮލެޓަށް ހާއްސަ ލައިސަންސް ދޫކުރުމާއި، ކައުންސިލްތައް ބާރުވެރި ކުރުވުމާއި، ޖަލަކީ އެންމެ ފަހު ފިޔަވަޅުގެ ގޮތުގައި ހިމެނުމަށް ކަނޑައަޅުއްވާފައިވެއެވެ.

އޭގެއިތުރުން ރިސޯޓްތަކާއި ގެސްޓްހައުސްތަކަކީ ވަކި ގިންތިއެއްގެ ގޮތުގައި ކަނޑައެޅުމާއި، ތައުލީމީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ވެސް ހިމަނާފައިވެއެވެ. ހަމައެއާއެކު މަޖިލީހުގެ މެންބަރުންގެ ރީކޯލް ވޯޓު ނެގުންވެސް ވަނީ ހިމަނުއްވާފައެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފޯރި ގަދަވެފައިވާއިރު އިންތިޚާބުގައި ވާދަކުރަށްވާ 8 ކެންޑިޑޭޓުންވެސް ދަނީ ރައްޔިތުންނަށް ލުއި ފަސޭހަކަން ލިބޭފަދަ ގިނަ ކަންތައްތަކެއް ރައްޔިތުންނަށް ހުށައަޅުއްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން