"ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުންގެ ގޯތީގެ ގުރުނެގުމަށް ޤައުމީ ދަނޑުގައި ބޮޑު ރަސްމިއްޔާތެއް ބާއްވަން ނިންމައިފިއެވެ.

މާލޭ ސަރަޙައްދުން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. ބިންވެރިޔާ ސްކީމްގެ ދަށުން އެންމެ ބޮޑުކޮށް ދެނީ 4،000 އަކަފޫޓްގެ ގޯއްޗެވެ. އަދި އެންމެ ކުޑަކޮށް ދޭނީ 1،250 އަކަފޫޓްގެ ގޯއްޗެވެ.

ހައުސިން މިނިސްޓްރީން ބުނީ ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގުރުނެގުން އަންނަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ބާއްވާނެ ކަމަށެވެ. އަދި ނޮވެމްބަރު 11ގެ ކުރިން ގޯތި ލިބޭ އެންމެންނަށް ރަޖިސްޓްރީ ހަވާލުކުރާނޭކަން ވެސް އިއުލާނުގައި ވެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން 1،351 ގޯތި ދިނުމަށް ނިންމާފައިވާއިރު ގުޅީފަޅުން 2،218 ގޯތި ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ގިރާވަރު ފަޅުން 5،432 ގޯތި ދޭނެކަމަށް ހައުސިން މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން އެބަ ތިބި ނަމަވެސް އޭގެތެރެއިން މިހާރު ލިބެން ހުރި 9003 ގޯތި ދެވެން އޮތީ އެތަނުން 18،948 މީހަކަށް ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެ ވަޑައިގެންނެވި ގޮތަށް މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހިންގާ "ބިންވެރިޔާ" ސްކީމަކީ، މިހާތަނަށް ރާއްޖޭގައި ހިންގާ ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން