ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ރ. އަލިފުށީގައި އިމާރާތްކުރާ ޓިވެޓް ސެންޓަރުގައި ހިންގާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ޙަސަން މިއަދު ވިދާޅުވީ، އަލިފުށީ ޓިވެޓް ސެންޓަރުގައި ކިޔަވައިދޭ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. ރ. އަލިފުށީ ޓިވެޓް ސެންޓަރ ބޯޓް ބިލްޑިންގ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަކަށް ޚާއްސަކޮށްފައި ވަނީ އެ ރަށަކީ ބޯޓު ބަނުމުގެ މުއްސަނދި ސަގާފަތަކާއި ތާރީހެއް އޮތް ރަށަކަށްވާތީ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.ހަސަން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އެ ސެންޓަރުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ފައިބަރ ބޯޓު ބިލްޑިންއާއި، އޮފީސް މެނޭޖުމަންޓު އެންޑު އެޑްމިނިސްޓްރޭޝަން ދާއިރާގެ ކޯސްތަކުގެ އިތުރަށް އިންފޮމޭޝަން ޓެކްނޮލޮޖީ އާއި އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިންއާއި، މެރިން މެކޭނިކްސް އަދި އޮޓޯމޯޓިވް ރިޕެއާ އާއި، ވެލްޑިންއާއި، އެއަރކޮންޑިޝަނިން އެންޑް ރެފްރިޖެރޭޝަނާއި ފަތުރުވެރިކަމުގެ ދާއިރާއިން ތަފާތު ކޯސްތައް ހިމެނެއެވެ.

ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކިޔަވައިދޭ މިކޯސްތަކުގައި އޮންލައިންކޮށް ބައިވެރިވެވޭނެއެވެ. މިކޯސްތަކަށް އެދުމުގެ ފުރުޞަތު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށްވަނީ ހުޅުވާލާފައެވެ.

އަލިފުށީ ޓިވެޓް ސެންޓަރު ގައި ވޯލްޑް ބޭންކްގެ އެހީގައި ޤާއިމްކުރާ ސްޓޭޓް އޮފް ދި އާރޓް އައިސީޓީ ލެބޯޓަރީއާއި ވޯކްޝޮޕަށް ބޭނުންވާ އިކުއިޕްމަންޓް ހޯދުމުގެ މަސައްކަތްވެސް މިނިސްޓްރީން މިހާރު ގެންދަނީ ކުރިއަށެވެ.

ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ރ. އަލިފުށީގައި އިމާރާތްކުރަމުންދާ ޓިވެޓް ސެންޓަރުގައި ބޯޓްޔާޑަކާއި ކާޕެންޓްރީ ވޯކްޝޮޕަކާއި މެޝިން ވޯކްޝޮޕަކާއި މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން 6 ކްލާސް ރޫމާއި އައި.ސީ.ޓީ ލެބޯޓަރީއެއް ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީވެސް މިތަނުގައި ހުންނާނެއެވެ.

މި ސެންޓަރުގައި، ދަރިވަރުން ބޭތިއްބުމަށް، 58 ދަރިވަރުންގެ ޖާގައިގެ އެކޮމޮޑޭޝަން ބްލޮކަކާއި ދަރިވަރުންގެ ކެއިން ބުއިމުގެ ކަންކަމަށް ކިޗަން އަދި ޑައިނިންގ އޭރިއާއެއްގެ އިތުރުން ލޯންޑްރީއާއި ކޮމަން ރޫމްސް އަދި ސްޓަޑީ ރޫމްތައްވެސް ހުންނާނެއެވެ. މީގެ އިތުރުންވެސް، ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއް ހުރުމާއެކު ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓްވެސް ހުންނާނެއެވެ.

ރ.އަލިފުށީ ޓިވެޓް ސެންޓަރަކީ މަތީ ތައުލީމާއި ތަމްރީންދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، ސަރުކާރުގެ ސްޓްރެޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން