ބަރަހަނާ ވެބްސައިޓްތައް ބްލޮކް ކުރުމަށް ވަޢުދުވެފައިވާތީ ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރަށްވާ އަޙްމަދު ފާރިސް މައުމޫނަށް ޝައިޚް ޢަލީ ޒައިދު ތަޢުރީފް ކުރަށްވައިފިއެވެ.

ފާރިސްގެ މެނިފެސްޓޯ ލޯންޗު ކުރުމަށް ސަލްޓަންޕާކުގެ އޯޕަން ސްޓޭޖްގައި ރޭ ބޭއްވި ބައްދަލްވުމުގައި ފާރިސް ވިދާޅުވީ އެއްވެސް ކަމަކީ މަސައްކަތް ކޮށްފިނަމަ ނުވާނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން އިންތިޚާބު ކާމިޔާބު ވެއްޖެނަމަ ބަރަހަނާ ސައިޓްތައް ބްލޮކް ކޮށް، ސްޕާތައް ބަންދު ކުރަށްވާނެކަމަށް ފާރިސް ވަނީ ވިދާޅުވެފައެވެ.

އެކަމާގުޅިގެން ޝައިޚް ޢަލީ ޒައިދު މިއަދު ވިދާޅުވީ ބަރަހަނާ ވެބްސައިޓްތައް ބަންދު ކުރުމަށް ފާރިސްގެ މެނިފެސްޓޯގައި ހިމެނުއްވި ކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު ދަންނަވާ ކަމަށެވެ. ނަމަވެސް ހިތާމައަކީ މިއަދާހަމައަށްވެސް ރާއްޖޭގައި ވެރިކަން ކުރެއްވި އެއްވެސް ވެރިޔަކު އެކަން ނުކޮށް އޮތުން ކަމަށް ޒައިދު ވިދާޅުވިއެވެ.

"އެތައް އިސްލާމީ ޤައުމެއްގައި ބްލޮކް ކުރެވެންޏާ ރާއްޖޭގައި ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް." ޒައިދު ވިދާޅުވިއެވެ.

ފާރިސްގެ މެނިފެސްޓޯގައި ގިނަ ކަންތައްތަކެއް ހިމަނާފައިވާއިރު އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ މިހާރު ޖީއެސްޓީއަށް ނަގާ 8 އިންސައްތަ 3 އިންސައްތައަށް ކުޑަކުރެއްވުމާއި، ސްޕާތައް ބަންދުކުރުމާއި، ބަރަހަނާ ސައިޓްތައް ބްލޮކްކުރުމެވެ. އޭގެ އިތުރުން ޑިޖިޓަލް ބޭންކިންއާއި ޑިޖިޓަލް ވޮލެޓަށް ހާއްސަ ލައިސަންސް ދޫކުރުމާއި، ކައުންސިލްތައް ބާރުވެރި ކުރުވުމާއި، ޖަލަކީ އެންމެ ފަހު ފިޔަވަޅުގެ ގޮތުގައި ހިމެނުމަށް ކަނޑައަޅުއްވާފައިވެއެވެ.

ފާރިސް ރޭ ވިދާޅުވީ، މި ކުރާ މަސައްކަތުން އެންމެ މީހަކަށްވެސް ހިތްވަރު ލިބިއްޖެނަމަ، އޭނާގެ ފަރާތުން އިތުރު ދެމީހުންނަށް ހިތްވަރު ލިބި، އެކަން ފެތުރިގެންދާން މާގިނަ ވަގުތުތަކެއް ނުނަގާނެ ކަމަށެވެ. އެހެންކަމުން އުއްމީދު ފަތުރާލައި، މާޔޫސް ވާފަހަރު ފަހަރު އެކަކު އަނެކަކަށް ހިތްވަރު ދެއްވުމަށް ފާރިސް އެދިވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން