މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީގެ ކެންޑިޑޭޓް ކާނަލް މުޙައްމަދު ނާޒިމްގެ ކެމްޕޭން ރާއްޖޭގެ ދެކުނުގައި މެކުހަށް ޖައްސަވައިފިއެވެ.

ރިޔާސީ ކެމްޕޭނަށް ނާޒިމް ލ. އަތޮޅަށާއި ތ. އަތޮޅަށް ވަޑައިގެންފައިވާއިރު އެމަނިކުފާނު ވަނީ ލ. ދަނބިދޫގައި ކުރިޔަށް ގެންދާ ކެމްޕެއިން ހަރަކާތްތައް ބައްލަވާލައްވައި ދަނބިދޫ ކެމްޕެއިން ޓީމަށް ހިތްވަރު ދެއްވާފައެވެ.

ސައުތު ސެންޓްރަލް ރީޖަނަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމް ކުރައްވަމުން ގެންދަވާ އުޖާލާ ދަތުރުގައި ލ. އަތޮޅުގެ 5 ރަށަކަށް ވަޑައިގަތުމަށް ފަހު މިހާރު ވަނީ ތ. އަތޮޅަށް ވަޑައިގެންފައެވެ. އަދި ނާޒިމް މިއަދު ވަނީ ތ. ގުރައިދޫ ކެމްޕެއިން ޖަގަހަ ހުޅުވައިދެއްވާފައެވެ. އެމްއެންޕީން ބުނީ މިޖަގަހައާއެކު ގުރައިދޫގައި އެޕާޓީގެ ކެމްޕެއިން ހަރަކާތްތައް އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށެވެ.



ރިޔާސީ ކެމްޕެއިނަށް ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ނާޒިމް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ކައްދޫ އެއާޕޯޓް އެއްވެސް ވަރަކަށް ތަރައްގީނުކޮށް، ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. އެގޮތުން ނޮވެމްބަރު، 1986 ގައި ހުޅުވި އެ އެއާޕޯޓް ތަރައްގީކޮށް، އިންޓަނޭޝަނަލް ކުރާނީ އޭނާގެ ވެރިކަމުގައި ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމްގެ ރިޔާސީ ކެމްޕެއިނަށް ލ. އަތޮޅުގެ އިތުރުން މ. އާއި ފ. އަދި ތ. އަތޮޅަށް މިހާރު ކުރަށްވާ ދަތުރުގައި އެކި ރަށްރަށަށް ވަޑައިގެން ކޮންމެ ރަށެއްގައި އެމްއެންޕީގެ ޖަގަހައެއް ހުޅުއްވައި ދެއްވާނެ ކަމަށް އެ ޕާޓީން މަޢުލޫމާތުދެއެވެ.

ސެޕްޓެމްބަރ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާ ނާޒިމްގެ ކެންޑިޑޭޓް ނަންބަރަކީ އަށެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން