ރިޔާސީ އިންތިހާބުގައި މުޅިޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

ރިޔާސީ އިންތިހާބުގައި ވޯޓްލުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި 604 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ނިންމާފައެވެ. ނަމަވެސް އެކަށީގެންވާ ޢަދަދަށް މީހުން ރަޖިސްޓްރީވެފައި ނުވާތީ އެކޮމިޝަނުން ކުރިން ލަފާކުރި ޢަދަދަށް ވޯޓުފޮށި ބަހައްޓަން ނުޖެހޭނެކަން މިހާރުވަނީ ކަށަވަރު ވެފައެވެ.

އެގޮތުން މާލެ ސަރަހައްދުގައި މިހާރު ބެހެއްޓުމަށް ނިންމާފައި ވަނީ 176 ވޯޓު ފޮއްޓެވެ. އަދި އަތޮޅު ތެރޭގައި 319 ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާއިރު، 65 ރިސޯޓަކާއި ޖަލުތަކުގައި 5 ފޮއްޓަކާއި ހުޅުލޭގައި އެއް ފޮށި ހުންނާނެ ކަމަށްޥެސް ކޮމިޝަނުން ބުނެ އެވެ.

ރިޔާސީ އިންތިޚާބުގައި ރާއްޖޭން ބޭރުގައި ވޯޓުފޮށި ބެހެއްޓޭކަން މިހާތަނަށް ކަށަވަރުވެފައިވަނީ 5 ގައުމެއްގައެވެ. އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރާއްޖޭން ބޭރުގައި ވޯޓުފޮށި ބެހެއްޓޭކަން މިހާތަނަށް ކަށަވަރުވެފައިވަނީ، މެލޭޝިޔާ އާއި އަބޫދާބީ އާއި، އިނގިރޭސި ވިލާތުގެ އިތުރުން، އިންޑިޔާގެ ޓްރިވެންޑްރަމާއި، ސްރީލަންކާގެ ކޮލަމްބޯގައި ކަމަށެވެ.

ރިޔާސީ އިންތިހާބު 2023 ގައި، ވޯޓުލާމީހުން ރަޖިސްޓަރީ ވެފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީއަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މާދަމާ 15:00ގެ ނިޔަލަށް ބަންދުވާނެއެވެ. އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ޖުމްލަ އަދަދަކީ 282395 އެވެ.

އީސީ އިން ބުނީ ރަޖިސްޓްރީއަށް ޝަކުވާ ހުށަހަޅާނީ އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމުން ކަމަށެވެ. އެ ފޯމު އީސީގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާއިން ލިބޭނެއެވެ. އަދި ވޯޓު ލުމަށް ރަޖިސްޓްރީ ވެފައިވާތަން 1414 އަށް އެސްއެމްއެސް ކޮށްގެން ބަލާލެވޭނެކަމަށް އީސީން މަޢުލޫމާތުދެއެވެ.

އަދި ރާއްޖެއިން ބޭރުގައިނަމަ، ވޯޓު ފޮށި ބަހައްޓަން އިއުލާނުކޮށްފައިވާ ގައުމުތަކުގައި ޝަކުވާ ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ އެ ގައުމުތަކުގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓް އޮފީސްތަކުންނާއި ހައިކޮމިޝަންތަކުންނެވެ. އެތަންތަނުން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށް ޝަކުވާ ފޯމު ހުށަހެޅޭނެ އެވެ.

ގާނޫނުއަސާސީގެ 110 ވަނަ މާއްދާ ބުނާ ގޮތުން، ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނެއެވެ. މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އޮގަސްޓް 7 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިހާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން ސެޕްޓެމްބަރު 30ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން