"ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯތި ލިބުނު މީހުންގެ ގޯތީގެ ގުރުނެގުން ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ފަށައިފިއެވެ.

މާލޭ ސަރަޙައްދުން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. ބިންވެރިޔާ ސްކީމްގެ ދަށުން އެންމެ ބޮޑުކޮށް ދޫކުރަނީ 4،000 އަކަފޫޓްގެ ގޯއްޗެވެ. އަދި އެންމެ ކުޑަކޮށް ދޫކުރުމަށް ހަމަޖެހިފައިވަނީ 1،250 އަކަފޫޓްގެ ގޯއްޗެވެ.

މިއަދު 11:00 ޖެހިއިރު ގަލޮޅު ދަނޑުގައި ގުރުނެގުމުގެ މަސައްކަތް ފަށާފައިވާއިރު، ގޯތީގެ ގުރުލުމަށް ހާޒިރުވާން ޖެހޭ ގަޑި ބިންވެރިޔާ ސްކީމްގެ ޕޯޓަލް މެދުވެރިކޮށް އަންގާނެ ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ކޮންމެ ގޯއްޗެއްގެ ގުރުލުމަށްވެސް ހާޒިރުވެވޭނީ އެންމެ މީހަކަށެވެ. އޭގެ އިތުރުން ގޯތި ލިބޭ ފަރާތަށް ހާޒިރު ނުވެވޭ ނަމަ، ބަދަލުގައި ހާޒިރުވާނެ ފަރާތެއްގެ މައުލޫމާތު ޕޯޓަލް މެދުވެރިކޮށް އަޕްޑޭޓް ކުރުމަށާއި ވަގުތައް ހާޒިރު ނުވެއްޖެ ނަމަ، އެފަރާތުގެ ބަދަލުގައި މިނިސްޓްރީގެ ބޭފުޅަކު ގުރުނަގާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތުދީފައިވެއެވެ.

މިނިސްޓްރީން ބުނީ މިއަދާއި މާދަމާ ގުރުނެގުން އޮންނާނީ ގަލޮޅު ދަނޑުގައި ކަމަށާއި، އަދި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ގުރުނެގުމުގެ މަސައްކަތް ކުރިޔަށް ދާނީ ހެންވޭރު ދަނޑުގައި ކަމަށެވެ.

"ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯތި ލިބުނު މީހުންގެ ގޯތީގެ ގުރުނެގުން ފަށާފައިވާއިރު ހުޅުމާލެއިން މިހާރު ދޫކުރެވެންހުރި ގޯތިތައް ލިބޭ ފަރާތްތަކަށް ގޯތި ކަނޑައި ދިނުމުގެ މަސައްކަތް ވެސް މިއަދު ފެށުމަށްވަނީ ހަމަޖެހިފަ އެވެ. ހައުސިން މިނިސްޓްރީން ބުނީ ނޮވެމްބަރު 11ގެ ކުރިން ގޯތި ލިބޭ އެންމެންނަށް ރަޖިސްޓްރީ ޙަވާލުކޮށް ނިންމާނެ ކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން 1،351 ގޯތި ދިނުމަށް ނިންމާފައިވާއިރު ގުޅީފަޅުން 2،218 ގޯތި ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ގިރާވަރު ފަޅުން 5،432 ގޯތި ދޭނެކަމަށް ހައުސިން މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން ތިބި ނަމަވެސް އޭގެތެރެއިން މިހާރު ލިބެން ހުރި 9003 ގޯތި ދެވެން އޮތީ އެތަނުން 18،948 މީހަކަށް ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެ ވަޑައިގެންނެވި ގޮތަށް މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހިންގާ "ބިންވެރިޔާ" ސްކީމަކީ، މިހާތަނަށް ރާއްޖޭގައި ހިންގާ ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން