މިނިވަން އިންސާފުވެރި، އިންތިޚާބެއް ބޭއްވުމަށްޓަކައި ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް އީޔޫގެ އެހީތެރިކަމަށް ރައީސް ނަޝީދު އެދިވަޑައިގެންފިއެވެ.

ރައީސް ނަޝީދު އެކަމަށް އެދިވަޑައިގަތީ، ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ އީޔޫ ވަފްދުގެ ބޭފުޅުންނާއެކު، މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ އިންސާފުވެރި، މިނިވަން އިންތިޚާބެއް ބޭއްވުމަށްޓަކައި އިދިކޮޅު ލީޑަރ ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް އެހީތެރިވުމަށް އެދިވަޑައިގެންފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ.

11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤަައްޔޫމު ގެއަށް ބަދަލުކުރުމުގެ މަސައްކަތް ރަސްމީކޮށް ރައީސް މުޙައްމަދު ނަޝީދު ފައްޓަވާފައިވާއިރު، ރައީސް ނަޝީދު ވަނީ ރައީސް ޔާމީން މިނިވަންކޮށްދެއްވުމަށް އެކި ފަހަރުމަތިން ސަރުކާރަށް ގޮވާލައްވާފައެވެ.



ރިޔާސީ އިންތިހާބު އޮބްޒަރވް ކުރުމަށް އީޔޫ އިން ރާއްޖެއަށް ފޮނުވާ ޓީމުގެ އިސްވެރިޔަކަށް ހަމަޖައްސާފައިވާ ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު، ނާޗޯ ސަންޗެޒް އަމޯރް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފަ އެވެ. މި ބައްދަލުވުމުގައި ރައީސް ނަޝީދުގެ އަރިހުގައި މަޖިލީހުގެ އަމީންއާންމާއި ކައުންސެލް ޖެނެރަލްގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ބައިވެރިވެވަޑައިގެންނެވި އެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފޯރި ގަދަވެފައިވާއިރު ރައީސް ނަޝީދު ދާދިފަހުން ވިދާޅުވެފައިވަނީ ޕީޕީއެމްގެ ލީޑަރޝިޕުން އެމަނިކުފާނާއެކު މަސައްކަތް ފައްޓަވާތާ ހަފްތާއެއްގެ ތެރޭގައި ރައީސް ޔާމީން ގެއަށް ބަދަލުކުރައްވަވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން