ރިޔާސީ އިންތިޚާބުގައި ވޯޓުދޭނެ ކެންޑިޑޭޓެއް އިޚްތިޔާރު ކުރެއްވުމުގެ ކުރިން މާޒީން ދަސްވި ފިލާވަޅުތަކަށް ވިސްނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު އިލްތިމާސް ކުރަށްވައިފިއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕޭންގައި އއ.ތޮއްޑޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް މިއަދު ވިދާޅުވީ ރިޔާސީ ކެންޑިޑޭޓުން ރަށްރަށަށް ވަޑައިގެން އެކި ކަހަލަ ވައުދުތައް ވެވަޑައިގަންނަވަމުންދާ ކަމަށެވެ. ނަމަވެސް ރައްޔިތުން ވޯޓުލާއިރު، މާޒީން ދަސްވި ފިލާވަޅުތަކަށާއި މިހާރު ކަންކަން ހިނގަމުންދާ ގޮތް އަޅާކިޔުމަކީ މުހިއްމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ކުރިއަށް އޮތް ދައުރުގައިވެސް ރަށްރަށަށް ކޮންމެހެން ބޭނުންވާ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށްގެންދިއުން ކަމަށެވެ. އެގޮތުން ތޮއްޑޫއަށް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި 6 ކަމުގެ ތެރެއިން 4 ކަމެއްގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށާއި ބާކީ 2 މަޝްރޫއުގެ މަސައްކަތް ވެސް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ މަސައްކަތްތަކައިގެން ކުރިއަށް ދެވޭނީ ތިބޭފުޅުންގެ ނިންމުމާ އެކު. އެނބުރި ދާންވީ މީގެ ފަސް އަހަރު ކުރިން އަޅުގަނޑުމެން ތަހައްމަލުކުރި އަނިޔާވެރިކަމަށްތޯ؟ ނޫނީ ތަރައްގީގެ މަޝްރޫއުތަކާ އެކު ކުރިއަށްދާނީތޯ؟" ރައީސް މިއަދު ވިދާޅުވިއެވެ.

ތޮއްޑޫގެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދެއްވާނެކަން ހާމަކުރަށްވަމުން ރައީސް ވިދާޅުވީ މިހާރު ޝަރުޢީ މަރުޙަލާގައި އޮތް 100 ގޯތި ދޫކުރުމުގެ މައްސަލަ ނިމުމުން، އިތުރު 200 ގޯއްޗަށް އިއުލާން ކުރާނެ ކަމަށެވެ.

ހަމައެއާއެކު އެރަށުގައި އިޖްތިމާޢީ މަރުކަޒެއް އަޅައިދީ އައު ކައުންސިލް އިދާރާއެއް ފުރިހަމަ ވަސީލަތްތަކާއެކު އަޅައިދެއްވާނެ ކަމަށާއި، ސްކޫލަށް ބޭނުންވާ 6 ކްލާސްރޫމާއި ސައިންސް ލެބް އަދި ލައިބްރަރީ ގާއިމުކޮށްދެއްވާނެ ކަމަށާއި، އައު މިސްކިތެއް ބިނާކޮށްދެއްވައި، މަލްޓި ފެސިލިޓީ ޕާކެއް ތަރައްގީ ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކެމްޕޭނަށް ޒިޔާރަތް ކުރެއްވި ހުރިހާ ރަށަކުން ވެސް ފެންނަނީ ތަރައްގީގެ ބޮޑެތި ބަދަލުތަކެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން