ޕީޕީއެމްގެ ވެރިކަމެއް ޤާއިމް ކުރުމަށް އޮތް އެންމެ ރަނގަޅު ޗޮއިސްއަކީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒުކަމަށް ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ރަނިންމޭޓް ހުސެއިން މުޙައްމަދު ލަތީފް ގއ. ފަރެސްމާތޮޑާއަށް ކުރެއްވި ދަތުރުފުޅުގައި ޝިޔާމް ވިދާޅުވީ، މިހާރުގެ ޙާލަތަށް ބަލާއިރު ޕީޕީއެމް އަށް އޮތް އެންމެ ރަނގަޅު ގޮތަކީ ޑރ. މުއިއްޒު އާއި ސެންބެއަށް ތާޢީދުކުރުން ކަމަށެވެ. އޭގެ އިތުރުން ވެރިކަމަށް ކުރިމަތި ލެއްވުމުގެ ޝައުގުވެރިކަން މިވަގުތު ނުގެންގުޅުއްވާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ޑރ. މުޢިއްޒަކީވެސް ޕީޕީއެމްގެ ބޭފުޅެއް ކަމަށާއި އަދި ޙުސައިން އަކީވެސް ޕީޕީއެމްގެ ބޭފުޅެއް ކަމަށެވެ. އަދި ޕީޕީއެމާއި ޕީއެންސީން ސިޔާސީ މަސައްކަތް ކުރަނީ ގުޅިގެން އެއްފުރާޅެއްގެ ދަށުގައިކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ސަޕޯޓަރުން މަގުމަތިވިޔަ ނުދިނުމަށްޓަކައި ރައީސް ޔާމީން ގެންގުޅުއްވި ބައިވަރު ގޮތްތަކެއް. އޭގެން އެންމެ އެކަށީގެންވާ ގޮތަކަށް ފެނުނީ ޑރ. މުޢިއްޒު އާއި ސެންބެގެ ޕެއަރ." ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޔާމީން ރާއްޖެއަށް ގެނެސްދެއްވި ޢުމްރާނީ ތަރައްޤީގެ އެންމެ ބޮޑު ރޯލެއް ކުޅުއްވި އެއް ބޭފުޅަކީ ޑރ. މުޢިއްޒު ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެންކަމުން ރައީސް ޔާމީން މަސައްކަތް ކުރެއްވުމުގައި ގެންގުޅުއްވާ ވައްޓަފާޅިއާއި އެމަނިކުފާނުގެ ތަޞައްވަރު ޑރ. މުޢިއްޒަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ހަމައެއާއެކު ޙުސައިން އަކީ ރައީސް ޔާމީން ޒުވާނުންނާމެދު ގެންގުޅުއްވާ ތަޞައްވަރު ޙަޤީޤަތަކަށް ހައްދަވައި ދެއްވާނެ ބޭފުޅެއްކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ޕީޕީއެމްގެ ކެމްޕޭން ޙަރަކާތްތައް ފަށާފައިވާއިރު ރައްޔިތުންގެ ބޮޑު ތާޢީދެއް ޑރ. މުޢިއްޒު އާއި ޙުސައިނަށް އަންނަނީ ލިބެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން