ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވަން މަޖުބޫރުނުކުރެއްވުމަށާއި، އެކަން ނުކުރަށްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕޭންގައި އއ.ރަސްދޫ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް މިއަދު ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނެވުމުގެ ކަންބޮޑުވުން އިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުން ފާޅުކުރަށްވަމުން ގެންދަވާކަމަށެވެ. އަދި ރައީސް ޔާމީން ޖަލުގައި ހުންނެވުމަކީ އެމަނިކުފާނުގެވެސް ކަންބޮޑުވުމެއް ކަމަށާއި ނަމަވެސް ޝަރުޢީ ދާއިރާއަށް އަތްބޭނުމަކީ އެމަނިކުފާނު ކުރަށްވާނެ ކަމެއް ނޫންކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލައަކީ ޝަރުއީ މަރުހަލާގައި އޮތް ކަމެއްކަމަށާއި އެހެންކަމުން އެކަމުގައި އެމަނިކުފާނަށް ކުރެއްވޭނެ އެއްވެސް ކަމެއް ނެތް ކަމަށެވެ. ގާނޫނުން ޖަލުޙުކުމުގައި ހުންނަމީހަކަށް ލުޔެއް ދިނުމުގެ ބާރު ރައީސްއަށް ލިބެނީ ޝަރުއީ މަރުހަލާ ނިމުމުންކަން ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަށް މަޖުބޫރުނުކުރުވާ. އެކަމެއް އަޅުގަނޑު ނުކުރާނަން،" ރަައީސް ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ އެއްވެސް އަމާޒެއް ނެތް ކަމަށެވެ. އަދި އެބޭފުޅުން ދައްކަވަނީ މީހުން ޖަލަށްލާ ވާހަކަ ކަމަށާއި އެހެންކަމުން ޕީޕީއެމަށް ރާއްޖޭގައި ވެރިކަން ކުރުމުގެ ފުރުސަތު ލިބޭނެ އެންމެހާ ކަންކަމުން ދުރުވުމަށް ރައީސް ރަސްދޫ ރައްޔިތުންނަށް އިލްތިިމާސް ކުރެއްވިއެވެ.

ރަސްދޫ އަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށްވެސް ރައީސް މިއަދު ވަނީ ވަޢުދުވެ ވަޑައިގެންފައެވެ. އެގޮތުން އޮފީސް ކޮމްޕްލެކްސް އެޅުމާއި، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އެޅުމާއި ސްކޫލަށް މަލްޓިޕާޕަސް ހޯލަކާއި ޕްލޭ ގްރައުންޑެއް އިތުރުކުރުމާއި، ސްވިމިން ޓްރެކެއް އެޅުންފަދަ މަޝްރޫޢުތައް ކުރިޔަށްއެބަހުރި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން