މާލޭ ރައްޔިތުންނަށް ހިކިފަސް ތަނަކުން ގޯތި ދޫކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

"ބިންވެރިޔާ ސްކީމް" ގެ ދަށުން މާލޭ ސަރަޙައްދުން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އަދި ލިސްޓުގައި ހިމެނޭ މީހުންނަށް ގުރުލައިގެން ގޯތި ދޫކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ މިމަހުގެ 15 ވަނަ ދުވަހު ފަށާފައެވެ.

މާލޭ ރައްޔިތުންނަށް ބިންދޫކުރުމާ ގުޅޭގޮތުން ރައީސް ނަޝީދު މިއަދު ވިދާޅުވީ ނުހިއްކާ އޮތް ސަރަހައްދުތަކުން ގޯތި ދީފައިވާ ފަރާތްތަކަށް މާލޭ ސަރަޙައްދުގެ ހިކި ފަސްތަނަކުން ގޯތި ދޫކުރަންޖެހޭކަމަށެވެ.

“ގިރާވަރުފަޅު ހިއްކުމުގެ ވާހަކައަކީ މާ ބޮޑު ޕްލޭނެއް ނެތް މާ ދުރު ވާހަކައެއް.” ރައީސް ނަޝީދު ވިދާޅުވިއެވެ.



ރައީސް ނަޝީދު މިމޭރުމުން ވިދާޅުވެފައިވާއިރު ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ ރައްޔިތުންނަށް އެންމެ ބޮޑުކޮށް ދޫކުރަނީ 4،000 އަކަފޫޓްގެ ގޯއްޗެވެ. އަދި އެންމެ ކުޑަކޮށް ދޫކުރުމަށް ހަމަޖެހިފައިވަނީ 1،250 އަކަފޫޓްގެ ގޯއްޗެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން 1،351 ގޯތި ދިނުމަށް ނިންމާފައިވާއިރު ގުޅީފަޅުން 2،218 ގޯތި ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ގިރާވަރު ފަޅުން 5،432 ގޯތި ދޭނެކަމަށް ހައުސިން މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން ތިބި ނަމަވެސް އޭގެތެރެއިން މިހާރު ލިބެން ހުރި 9003 ގޯތި ދެވެން އޮތީ އެތަނުން 18،948 މީހަކަށް ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެ ވަޑައިގެންނެވި ގޮތަށް މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހިންގާ "ބިންވެރިޔާ" ސްކީމަކީ، މިހާތަނަށް ރާއްޖޭގައި ހިންގާ ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން