ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރަށްވާ މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒަކީ ބޯވައެއްހެން ކުލަ ބަދަލު ކުރަށްވާ ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ކެމްޕެއިންގެ ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސޯލްޓް ކެފޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ ޑރ. މުހައްމަދު މުޢިއްޒަކީ ވަޑައިގަންނަވާ ކޮންމެ ތަނަކުން ބޯވައެއްހެން ކުލަ ބަދަލުކުރަށްވާ ބޭފުޅެއް ކަމަށެވެ. އެގޮތުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި، ގައުމީ އިއްތިހާދު ޕާޓީ އާއި، އެމްޑީއޭ އާއި ޕީޕީއެމްގައި ޑރ. މުޢިއްޒު އުޅުއްވި ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރެއްގެ ގޮތުގައި ހުންނަވައިގެން ކުރެއްވި ކެމްޕޭންގައި އޭނާ އަކީ މާލޭ މީހެއްކަމަށް މުޢިއްޒު ވިދާޅުވަމުން ގެންދެވި ކަމަށެވެ. ނަމަވެސް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވަށަފަރަށް ވަޑައިގަތުމުން މުޢިއްޒުވަނީ ވަށަފަރު ބޭފުޅަކަށް ކަމަށާއި ކެމްޕޭނުގައި ކުޑަހުވަދޫއަށް ވަޑައިގަތުމުން އެރަށު މީހަކަށް ވާކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ޑރ. މުޢިއްޒަކީ އަމިއްލަ ފައިދާއަށް އުޅުއްވާ ބޭފުޅަކަށްވާތީ އެކަމާމެދު ޕީޕީއެމްގެ މެންބަރުން ވިސްނަންޖެހޭ ކަމަށެވެ. އަދި މުޢިއްޒަކީ ޕީޕީއެމް-ސަލަފް ކެންޑިޑޭޓު ކަމަށް މިއަދުވެސް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ އިތުރަށް ވިދާޅުވީ ޑރ. މުޢިއްޒު ރައީސް ޔާމީން ދޫކޮށްލާނެ ކަމަށް ވިދާޅުވިނަމަވެސް ޝަރުޢީ ޙުކުމެއްގައި ހުންނެވި ބޭފުޅަކު ދޫކޮށްލެވޭނެ ގޮތެއް ނޯންނާނެ ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފޯރި ގަދަވެފައިވާއިރު ކެންޑިޑޭޓުންގެ ސަޕޯޓަރުންގެ މެދުގައި މިހާރު ދަނީ ބަހުގެ ހޫނު ޙަމަލާތައް ބަދަލުކުރަމުންނެވެ. ޖުމްލަ 8 ކެންޑިޑޭޓުން ވާދަ ކުރަށްވާ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 9 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން