ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވީ ރައްޔިތުންނަށްޓަކައި ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

“ހާސްކަނޑާލާ ހަމަޖެހޭނެ” ޝިޢާރުގެ ދަށުން ކެމްޕޭން ކުރަށްވަމުން ގެންދަވާ ޤާސިމް މިމޭރުމުން ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ބޮޑުތިލަދުންމައްޗަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ހދ. ނޮޅިވަރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޤާސިމް ވިދާޅުވީ އެމަނިކުފާނަކީ އަބަދުވެސް ރައްޔިތުންނަށް ޚިދުމަތް ކުރަށްވާ ހިތްޕުޅުވާ ބޭފުޅެއް ކަމަށާއި އެގޮތުން ދަޢުލަތުގެ މަޤާމެއް ނެތް ނަމަވެސް ރައްޔިތުންނަށް އެތައް ޚިދުމަތެއް ކޮށްދެއްވާފައިވާނެ ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ އިޚްލާސްތެރިކަމާމެދު ސުވާލު އުފެއްދޭނެ ޖާގައެއް ނޯންނާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

އޭގެ އިތުރުން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި މިއަދު ނިކުމެ ހުންނެވީ ރައްޔިތުންނަށްޓަކައި ކަމަށާއި ކުރިން ނިންމަވައިގެން ހުންނެވީ އިންތިޚާބުގައި ވާދަ ނުކުރެއްވުމަށް ކަމަށް ޤާސިމް ވިދާޅުވިއެވެ. ނަމަވެސް ވަގުތާއި ޙާލަތު މިފަހަރުވެސް މަޖުބޫރު ކުރުވީ ކަމަށް ޤާސިމް ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުން އެމަނިކުފާނަށް ވޯޓު ދެއްވުމަށް ޤާސިމް ވަނީ އެދިވަޑައިގެންފައެވެ.

“އަޅުގަނޑުމެންގެ ޕާޓީން އެގޮތަށް ނިންމީމާ އަޅުގަނޑަށް މަޖުބޫރުވީ ނިކުންނަން. އެބޭފުޅުންގެ އިއްތިފާޤުން ނިންމީމަ.” ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ، މިރޭ ކުޅުދުއްފުށީގައި ބާއްވާ ޖޭޕީގެ ބޮޑު ޖަލްސާގައި އެމަނިކުފާނުގެ ރިޔާސީ ވަޢުދުތައް ހާމަކުރަށްވާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އަތޮޅުތެރެއަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް މިއަދު ދަތުރުފުޅުތައް ފަށާފައިވާއިރު އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނެވީ ހދ. މަކުނުދޫ އަށެވެ. އެއަށްފަހު ނޮޅިވަރަމަށް ވަޑައިގެންފައިވާއިރު އެރަށުން ޤާސިމާއި ޖޭޕީގެ ޓީމަށްވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގެ ކެމްޕޭން އަތޮޅުތެރޭގައި ފަށާފައިވާއިރު ޤާސިމް ވިދާޅުވެފައިވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވި މައިގަނޑު ސަބަބަކީ ރާއްޖެއަށް އިޖްތިމާޢީ އިޤްތިޞާދީ އަދި ޢުމްރާނީ ކުރިއެރުން ހޯއްދަވައިދެއްވުން ކަމަށެވެ.

ޤާސިމްގެ ބޮޑުތިލަދުންމަތީ ދަތުރުފުޅުގައި މަކުނުދޫ، ނޮޅިވަރަމް، ނޮޅިވަރަމްފަރު، ހަނިމާދޫ އަދި ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެއެވެ. ހދ. އަށްފަހު ދެން ގާސިމް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ށ. އަތޮޅަށެވެ.

އެގޮތުން ށ. އަތޮޅުގެ ކަނޑިތީމާއި ގޮއިދު އާއި ކޮމަންޑު އާއި ފުނަދު އާއި މިލަންދޫ އަދި ފޯކައިދުއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ޖޭޕީން މަޢުލޫމާތު ދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު