10 އަހަރު ވަންދެން އިދިކޮޅު ޕީޕީއެމްގައި ކުރި މަސައްކަތަށް އެޕާޓީން އެއްވެސް އިހުތިރާމެއް ނުކުރި ކަމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ކެމްޕޭން ޖަލްސާގައި ކުޅުދުއްފުށި ސިޓީގައި ވާހަކަފުޅު ދައްކަވަމުން ޑރ. ވަޙީދު ވިދާޅުވީ ކުރީގެ ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބަށް ކުރިމަތިނުލެވޭ ހާލަތެއްގައި ޕީޕީއެމްގެ ޓިކެޓު ލިބުމަށް އުންމީދުކުރެއްވި ކަމަށެވެ. އަދި ޕީޕީއެމުން ވަނީ ރައީސް ޔާމީންގެ ނިންމެވުންވެސް ބޮލާލައި ޖަހާފައި ކަމަށް ވަޙީދު ތުހުމަތު ކުރެއްވިއެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައިނުގަތުމާ ގުޅިގެން އެޕާޓީން ވަކިވެ ޖުމްހޫރީ ޕާޓީއަށް ގުޅިވަޑައިގެންނެވި ޑރ. ވަޙީދު ވިދާޅުވީ ޕީޕީއެމުން އެމަނިކުފާނާމެދު ޢަމަލުކޮށްފައިވަނީ ވަރަށް އިހުތިރާމް ކުޑަކޮށް ކަމަށެވެ. އެގޮތުން ރައީސް ޔާމީން ގެންގުޅުއްވި 3 ޕްލޭންގެ ތެރެއިން 2 ވަނަ ޕްލޭންގެ ދަށުން އެޕާޓީގެ ޓިކެޓް ލިބޭނެ ބޭފުޅެއް ކަނޑައެޅުމަށް ރައީސް ޔާމީން އަންގަވާފައިވާ ކަމަށް ވަޙީދު ވިދާޅުވިއެވެ.

“ވަގުތުލިބުނު. ރައީސް ޔާމީން އެންގެވި ގޮތަކަށް ނޫން އެކަން ހިނގައި ދިޔައީކީ. ރައީސް ޔާމީން އެންގެވީ ތިމަންނައަކަށް ދެން ނިކުމެވަޑައި ނުގެންނެވޭނޭ. ދެން ބޮއިކަޓް ކުރާކަށްވެސް ގަސްތެއް ނުކުރަމޭ. އެހެންވީމާ ޕީޕީއެމްގެ ކެންޑިޑޭޓަކު ނެރޭށޭ. ނުނެރެވެއްޖިއްޔާ ތިމަންނަ މިހުރީ ޕީއެންސީގެ ކެންޑިޑޭޓަށްވެސް ތާޢީދު ކުރާށޭ.” ވަރަށް އަސަރާއެކު ޑރ. ވަޙީދުގެ ޝަކުވާތައް ބަންޑުންކޮށްލެއްވިއެވެ.

ވަޙީދު ވިދާޅުވީ ޤާސިމް އިބްރާހީމަށް ތާޢީދު ކުރެއްވުމަށް ނިންމެވީ ރައްޔިތުންގެ ތާޢީދު އެންމެ ފަސޭހައިން ހޯއްދެވޭނެ ބޭފުޅަކީ ޤާސިމްކަމަށް ޤަބޫލު ކުރެއްވޭތީ ކަމަށެވެ. ހަމައެއާއެކު ޤާސިމަކީ ދުވަހަކުވެސް ޑރ. ވަޙީދަށް ނިކަމެތިކަމެއް ދެއްވި ބޭފުޅެއް ނޫން ކަމަށާއި ޤާސިމަކީ އަބަދުވެސް އެމަނިކުފާނަށް ފުރިހަމައަށް އިޙްތިރާމް ކުރެއްވައި އަދި އިތުބާރު ކުރެއްވި ގާތް ރަޙްމަތްތެރިއެއްކަމަށް ޑރ. ވަޙީދު ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމުން ރިޔާސީ އިންތިޚާބަށް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެންޑޯޒް ކުރުމާގުޅިގެން ޑރ. ވަހީދު ވަނީ މި މަހުގެ 10ގައި އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ. އަދި އޭގެ ދެ ދުވަސް ފަހުން ޑރ. ވަޙީދު ގުޅިވަޑައިގަތީ ޖުމްހޫރީ ޕާޓީއަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން