ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް އޮތީ ދެގޮތެއް ކަމަށާއި އެއީ ޤައުމުގެ މިނިވަންކަމުގެ ދިފާޢުގައި ވޯޓުލުމާއި އަޅުވެތިކަމަށް ވޯޓު ދިނުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

“ހާސްކަނޑާލާ ހަމަޖެހޭނެ” ކެމްޕޭނުގައި ށ. އަތޮޅު ކަނޑިތީމްގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާމެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދޫކޮށްލި މައްސަލައާއި އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބޭ މައްސަލައަކީ އެފަދަ ކަންކަން ކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ އިންޑިޔާގެ ނުފޫޒު ރާއްޖޭގެ މައްޗަށް އޮތީ ކަންބޮޑުވެ ވަޑައިގަންނަވާ ދަރަޖައަށް ކަމަށެވެ. އެހެންކަމުން އެކަމުގައި ރައްޔިތުން ވިސްނަންޖެހޭ ކަމަށް ޤާސިމް ވިދާޅުވިއެވެ. ރައްޔިތުންނަށް އޮތީ ދެގޮތެއް ކަމަށާއި އެއީ ޤައުމުގެ މިނިވަންކަމުގެ ދިފާޢުގައި ވޯޓުލުމާއި އަޅުވެތިކަމަށް ވޯޓު ދިނުން ކަމަށް ޤާސިމް ވިދާޅުވިއެވެ.

“ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ލާ ވޯޓުގައި މިހާރު ހުރި ރައީސުލްޖުމްހޫރިއްޔާއަށް ނޫނެކޭ ބުނެ ކަނޑައެޅިގެން އޭނާ ނުހޮވުމަށް ދަންނަވަން. އޭނާ ހޮވަން ނުޖެހެނީ ޤާނޫނު އަސާސީއާއި އޭނާ ޚިލާފް ވެފައިވާތީ.” ޤާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރަށްވަނީ ގައުމުގެ މިނިވަންކަމާއި އިސްތިގްލާލާއި އަމަންއަމާންކަމަށްޓަކައި ކަމަށެވެ. އެހެންކަމުން މިހާރުގެ ޙާލަތަށް ބަލާއިރު ޤައުމަށްޓަކައި މިނޫން ވެރިކަމެއް ބޭނުންވާކަމަށް ޤާސިމް ވިދާޅުވިއެވެ.

ހަމައެއާއެކު ރައްޔިތުންގެ އަމާންކަމާއި ސިލްމާ ސަލާމާ ރައްކާތެރިކަމާއި ރާއްޖޭގެ މުސްތަގްބަލް މިނިވަންކަން މަތީގައި ބޭއްވުމުގެ މުހިންމުކަމާބެހޭ ގޮތުން ޤާސިމް މިއަދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން