ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ޢާންމު މެމްބަރުން މި ވޭތުވެދިޔަ 20 އަހަރުދުވަހު ސިޔާސީ މަސައްކަތް ނުކުރާ މިންވަރަށް ކުރިއަށް އޮތް 20 ދުވަހު މަސައްކަތް ކޮށްދިނުމަށް އެޕާޓީގެ ޗެއަރ ޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް އެދިވަޑައިގެންފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓުލުމަށް ވިއްސަކަށް ދުވަހަށް ވެފައިވަނިކޮށް ފައްޔާޒު މިކަމަށް ގޮވާލެއްވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދެވަނަ ދައުރަކަށް އިންތިޚާބުކުރަން ކުރަންޖެހޭ މަސައްކަތްތަކަށް އިޝާރާތް ކުރައްވައެވެ.

ރޭ މާލޭގައި ގަލޮޅޫ އުތުރު ދާއިރާގެ ޖަގަހައެއް ހުޅުވުމަށް ބޭއްވި ޙަފްލާގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވަނީ ރައީސް ޞާލިޙު ދެވަނަ ދައުރަކަށް އިންތިޚާބު ކުރަންޖެހޭ ސަބަބުތަކާމެދު ވާހަކަ ދައްކަވާފައެވެ. އެގޮތުން މާލެއަށް އެކަނި ބަލާލިޔަސް މާލޭގެ ރައްޔިތުންނަށް މިވޭތުވެދިޔަ މާޒީގައި ސަރުކާރަކުން ނުކޮށްދޭވަރުގެ މުހިންމު އެތައް ކަމެއް މިސަރުކާރުން ކޮށްދެއްވާފައިވާކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އެތައް އަހަރަކަށްފަހު މާލެއިން ގޯތި ދިން ދިނުމަށް އިޝާރާތްކުރައްވައި ފައްޔާޒް ވިދާޅުވީ މާލެއިން ގޯތިދޭން ހުޅުވާލުމުން ބާވީސް ހާސް މީހުން ގޯއްޗަށް އެދި ހުށަހެޅި ކަމަށާ، އޭގެތެރެއިން ނަވާރަ ހާސް މީހުންނަށް ގޯތި ދޭން ސަރުކާރުން ނިންމާފައިވާކަމަށް ފައްޔާޒް ވިދާޅުވިއެވެ. މިއީ މިވޭތުވެދިޔަ 40 އަހަރުދުވަހުގެތެރޭގައިވެސް ރާއްޖޭގެ އެއްވެސް ސަރުކާރަކަށް ކުރަން ނުކެރުނު ކަމެއްކަމަށާ، މިސަރުކާރުން މިއޮތީ މިކަން ކޮށްފައިކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ގަލޮޅު އުތުރު ޖަގަހަ ހުޅުވާފައިވަނީ ފާށަނާކިލެގެ މަގުގެ ގ. ގާނެޓްގައެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ޖުމުލަ 8 ކެންޑިޑޭޓަކު ވާދަކުރައްވައެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ މިއިންތިޚާބުގައި އެންމެބޮޑަށް ކެމްޕެއިން ކުރައްވާ އެއް ކެންޑިޑޭޓެވެ.


ކިޔުންތެރިންގެ ހިޔާލު


3

ޙަފްސާ

20-Aug-2023

ސާބަހޭ ފަޔާ. އަޅުގަނޑުމެން މި ތިބީ އަތުކުރި އޮޅާ ލައިގެން. ކުރިޔަށް ކުރިޔަށް އެމް ޑީ ޕީ.



ޓްރެންޑިން