ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓު ޢާންމުކޮށްފިއެވެ.

ފައިނަލް ލިސްޓުގައި ވާގޮތުން އަންނަ މަހުގެ 9ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 282،395 މީހުންނަށެވެ. މިހާރު މިލިސްޓު އިލެކްޝަންސް ކޮމިޝަނުން ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

ވޯޓުލާ މީހުންގެ ލިސްޓު ފައިނަލްކުރީ ފުރަތަމަ ނެރުނު ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެކިފަހަރުމަތިން ހުޅުވާލުމަށްފަހުއެވެ. އަދި ރަށްވެހިވެފައިވާ ތަން ނޫން އެހެންތަނެއްގައި ވޯޓުލާން އެދޭ މީހުންނަށް އަލުން ރަޖިސްޓްރީވުމަށްވެސް އެކި ފަހަރުމަތިން ހުޅުވާލިއެވެ.

ވޯޓު ދިނުމުގެ ހައްގު ލިބެނީ 282،395 މީހުންނަށްކަމަށް ފައިނަލްކޮށް ލިސްޓު ޢާންމުކޮށްފައިވާއިރު، މިފަހަރުގެ ރިޔާސީ އިންތިޚާބުގައި މުޅިން އަލަށް 27000އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވެއެވެ. ވޯޓުލާން ރަޖިސްޓަރީ ވެފައި އޮތީ ކޮންތާކުތޯ ބެލުމަށް ދުރާލައި މަސައްކަތްކޮށް އެކަން ޔަޤީންކޮށްފައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރެއެވެ.

ވޯޓުލާމީހުންގެ ލިސްޓު ޗެކްކުރުމަށް ވީއާރު އިނގިރޭސި އަކުރުން ޖެއްސެވުމަށްފަހު އެމީހެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަމްބަރު ޖައްސަވާފައި 1414އަށް މެސެޖެއް ކޮށްލުމުން ވޯޓުލާން ރަޖިސްޓްރީވެފައި އޮތްތަނާބެހޭ މަޢުލޫމާތު މެސެޖަކުން ފޯނަށް އަންނާނެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމުލަ 8 ކެންޑިޑޭޓަކު ވާދަކުރައްވައެވެ. އެއީ ސިޔާސީ ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ 5 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ 3 ކެންޑިޑޭޓެކެވެ. ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް 574 ވޯޓުލާ މަރުކަޒު ހުންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން