އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަ ދައްކަނީ ޗެލެންޖަކަށް ވެގެން ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ކެމްޕެއިންގެ ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސޯލްޓް ކެފޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ނުނުކުތް ނަމަވެސް ޕީޕީއެމްގެ އެންމެ ގާތް ވިސްނުމަކީ ޕީއެންސީ ކަމަށެވެ. އެހެންކަމުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުޢިއްޒުގެ ވާހަކަ ދައްކަންޖެހޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ މުޢިއްޒަކީ އެއްވެސް ވަރަކަށް ރައީސް ޞާލިޙަށް ޗެލެންޖެއް ނޫން ކަމަށެވެ. ނަމަވެސް މުޢިއްޒަކީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ދައުރުގައި ހައުސިން މިނިސްޓަރުކަން ކުރައްވައި އޭރު ރައީސް ޔާމީން ހިންގެވި ކަންކަމުގައި ވާގިވެރިވެފައިވާ ބޭފުޅެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެހެންކަމުން މުޢިއްޒުގެ ވާހަކަ ނުދައްކާ ކުރިއަށް ދެވެން ނެތް ކަމަށް މާރިޔާ މިއަދު ވިދާޅުވިއެވެ.

“ޕީއެންސީން ނުކުތަސް ރައްޔިތުންނަށް ހަނދާން ކޮށްދޭން ބޭނުންވަނީ މުއިއްޒަކީ އާ ބޭފުޅެއް ނޫންކަން.” މާރިޔާ ވިދާޅުވިއެވެ.

މީގެ ކުރިންވެސް މާރިޔާ ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރަށްވާ މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒަކީ ބޯވައެއްހެން ކުލަ ބަދަލު ކުރަށްވާ ބޭފުޅެއް ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފޯރި ގަދަވެފައިވާއިރު ކެންޑިޑޭޓުންގެ ސަޕޯޓަރުންގެ މެދުގައި މިހާރު ދަނީ ބަހުގެ ހޫނު ޙަމަލާތައް ބަދަލުކުރަމުންނެވެ. ޖުމްލަ 8 ކެންޑިޑޭޓުން ވާދަ ކުރަށްވާ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 9 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން