ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެހެން ބަޔަކަށް ބާރު ހިންގިގެން ނުވާނެ ކަމަށް އިދިކޮޅު ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ ރިޔާސީ މެނިފެސްޓޯ ޢާއްމު ކުރުމަށް ރޭ ހުޅުމާލޭ ފޭސް 2 ގައި ބޭއްވި ޖަލްސާގައި މުޢިއްޒު ވިދާޅުވީ ރާއްޖޭގައި އެހެން ގައުމެއްގެ ސިފައިން ތިބެގެން ނުވާނެ ކަމަށާއި މި ގައުމުގެ ދާހިލީ ކަންކަމުގެ ތެރޭގައި އެހެން ބައެއްގެ ބާރު ހިނގައިގެން ނުވާނެ ކަމަށެވެ. އަދި ދިވެހިންގެ ކަންކަން ދިވެހިން އަމިއްލައަށް ނިންމުމުގެ ބާރު އޮންނަން ޖެހޭނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގެ ހާރިޖީ ސިޔާސަތަކަށް ވާނީ އެއްވެސް ގައުމެއްގެ އުނގަށް ނުވެއްޓި، އެއްވެސް ގައުމެއް ބާކީ ނުކުރުން ކަމަށެވެ. ހަމައެއާއެކު ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަންނަހާ ހިނދަކު އެއްވެސް ޤައުމެއް ބާކީނުވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތުގައި މި ދެންނެވި އިން ފަހަނައަޅައި ނުދަންޏާ އަޅުގަނޑުމެންނަށް ވާނީ ހަމަހަމަ ގައުމުތަކެއްގެ ގޮތުގައި." މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު އިތުރަށް ވިދާޅުވެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތީ ބާރު ފަހަނައަޅާ ދިއުމަށް އެއްވެސް ޤައުމަކަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ރާއްޖެއާ އެކު ގުޅުން ބޭއްވޭނީ އެ ކަމަށް އިހްތިރާމްކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި އުސޫލުން ކަންކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަކީ، ރާއްޖޭގެ ރަހުމަތްތެރި ގައުމުތަކެއްގެ ގޮތުގައި އަޅުގަނޑުމެންގެ ސަރުކާރެއްގައި ވާނެ." މުޢިއްޒު ވިދާޅުވިއެވެ.

ރާއްޖެ އަކީ އދ. އިން ބަލައިގެންފައިވާ މިނިވަން ގައުމެއްކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، ދިވެހިންގެ އަމިއްލަވަންތަކަން ހިމާޔާތްކޮށް، މިނިވަންކަން ދެމެހެއްޓުމަކީ ދިވެހިންގެ ހަައްގެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން