ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ފުރަތަމަ ޖަލްސާ ކުރިއަށް ނުގެންދެވިގެން މެދުކަނޑާލައިފިއެވެ.

މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު ފަށާފައިވަނީ މިއަދު އެވެ. މިއަދުގެ އެޖެންޑާގައި އޮތީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާގުޅޭ މައްސަލަ އެކަންޏެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ޖަލްސާ ފެއްޓެވުމަށް ފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ޑިމޮކްރެޓްސް އާ ގުޅުނު ކަމުގެ ސިޓީ މަޖިލީހަށް ފޮނުއްވީ ތިން މެންބަރުން ކަމަށެވެ. އެއީ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން އާއި، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ.

ހަމައެއާއެކު މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ ދަ ޑިމޮކްރެޓްސްއަށް ސޮއިކުރެއްވި އިތުރު މެންބަރުންގެ ސިޓީ މަޖިލީހަށް ލިބުމުން ކަމަށް ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އެއާއެކު މަޖިލީހުގެ ބައެއް މެންބަރުން ވަނީ ތަޅުމުގައި އަޑުގަދަ ކުރަށްވަން ފަށްޓަވާފައެވެ.

މެންބަރުން އަޑުގަދަކުރައްވަން ފެއްޓެވުމުން ރައީސް ނަޝީދު ވަނީ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބާއި، ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުގުނީގެ ނަން އިއްވާ މަޖިލީހުގެ ތަޅުން ދޫކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.

އެ މެންބަރުންގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނިކުތުމަށް އެންގުމުންވެސް ނުނިކުންނެވުމުން ރައީސް ނަޝީދު ވަނީ މަޖިލިސް މެދުކަނޑުއްވާ ލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން