ބ. އަތޮޅު ގޮއި-ފުޅަ-ފެހެންދޫ ފަޅުތެރޭގައި ރިސޯޓެއް ހައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕޭންގައި ބ.ފުޅަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް މިއަދު ވިދާޅުވީ އެ ސަރަޙައްދުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ސަރުކާރުގެ ގިނަ ޕްލޭންތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން ފަތުރުވެރިކަން ތަރައްގީ ކުރުމަށް ގޮއިފުޅަފެހެންދޫއަށް ވުރެ "ފައްކާ" ތަނެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ވަރަށް އަވަހަށް ގޮއި-ފުޅަ-ފެހެންދޫ ފަޅުތެރޭގައި ރިސޯޓެއް ހެދުމަށްޓަކައި ޕްރައިވެޓް ސެކްޓާއަށް ހުޅުވާލާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ބ. އަތޮޅަކީ މުޅި ދުނިޔެއަށް މަޝްހޫރު އެއް ބީޗު އޮންނަ ސަރަޙައްދު ކަމަށާއި، އެހެންކަމުން ފަތުރުވެރިކަން ފުޅާވުމާއެކު އެރަށުގެ އިޤްތިޞާދު ތިން ގުނަ ވާނެ ކަމަށެވެ.

ދެވަނަ ދައުރެއްގައި ފުޅަދޫއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް ރައީސް މިއަދު ވަނީ ވަޢުދުވެ ވަޑައިގެންފައެވެ. އެގޮތުން ފްލޯޓިން ޖެޓީއެއް ހެދުމާއި، އިންޑޯ ވޮލީ ކޯޓެއް އެޅުމާއި، ކޮމިއުނިޓީ ސެންޓަރެއް ގާއިމްކުރުމާއި، ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު ސަރުކާރުގެ މުވައްޒަފުންނަށް އެކޮމޮޑޭޝަން ބްލޮކެއް ހެދުމާއި، ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ފަށާނެ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން