މީގެ ކުރިން ނުކުރެވުނު ކަމެއް ދެންވެސް ނުކުރެވޭނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒަށް ހޫނު ރައްދެއް ދެއްވައިފިއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕޭނުގައި 318 މީހުން ދިރިއުޅޭ ބ. ފެހެންދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް މިއަދު ވިދާޅުވީ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު ނުކުރެއްވުނު ކަމެއް ވެރިކަމަށް އައިނަމަވެސް ނުކުރެއްވޭނެ ކަމަށެވެ.

ރައީސް ޞާލިޙް ވިދާޅުވީ މި ސަރުކާރުން ކޮށްފައިވާ ބައެއް ކަންކަން ބަދަލުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް މިސަރުކާރުން ނިންމަވާފައިވާ ކަންކަމަކީ ދިރާސާތަކެއް ކުރުމަށްފަހު ނިންމާފައިވާ ކަންކަން ކަމަށެވެ. އެގޮތުން ސްކޫލުތަކުގެ ދިރާސީ އަހަރުގެ ކިޔެވުން ބަދަލުކުރީ ރިސޯޓުތަކުގެ މުވައްޒަފުންނާ ވާހަކަދައްކައިގެން އެމީހުންގެ ލަފާ ހޯދައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

މުޢިއްޒުގެ މެނިފެސްޓޯގައި ހަމަޖެހޭ ކަމެއް ނެތްކަން ފާހަގަކުރަށްވަމުން ރައީސް ވިދާޅުވީ މިސަރުކާރުގެ "ބިންވެރިޔާ ސްކީމްގެ" ދަށުން ގޯތި ލިބޭ މީހުންނަށް ގެދޮރު އަޅައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވެފައިވާއިރު، އެމްޑީޕީގެ އެންމެ ފުރަތަމަ ސަރުކާރުން ގުޅިފަޅުން ދިން ގޯތިތައް މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި އަތުލެއްވިކަމަށެވެ. އަދި އެމީހުންނަށް ބަދަލުވެސް ނުދެއްވާ ކަމަށާއި އެކަންވެސް ކުރަން ޖެހުނީ މިސަރުކާރަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"ބަލަ މިއޮއް ހުރިހާ ދުވަހު ކީއްތޯ ކުރެއްވީ؟ ރާއްޖޭގެ ޕްލޭނިން މިނިސްޓަރު ކަމުގައި އެންމެ ގިނަ ދުވަހު ހުންނެވި ބޭފުޅާ އެއީ. ނިކުމެ ވަޑައިގެން އެ ވިދާޅުވަނީ ރަށްރަށުގެ އަސާސީ ހިދުމަތްތައް ތިމަންނަގެ ކުރިއަށް އޮތް ދައުރުގަ ފުރިހަމަކޮށްދޭނަމޭ. ބަލަ ނުފެނޭތޯ މިރަށުގަ ފެނާ ނަރުދަމާ ނެތްތަނެއް ކުރިއަކުން؟" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މުއިއްޒު ރޭ ދެއްކެވި ވާހަކަތައް ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށާއި، ރައްޔިތުންނަށް ހެޔޮ ނިޔަތެއްގައި، ހެޔޮ ހިތުން ކަންކަން ކޮށްދިނީ މި ސަރުކާރުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން