ރައްޔިތުންގެ މަޖިލީހަށް ޕެޕާސްޕްރޭ އާއި ދަގަނޑުމުގުރު ނުގެނެވޭނެ ކަމަށް ވިދާޅުވުމަށްފަހު މިއަދުގެ މަޖިލީހުގެ ޖަލްސާ ރިޔާސަތުން ނިންމާލައިފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ ދަ ޑިމޮކްރެޓްސްއަށް ސޮއިކުރެއްވި ހުރިހާ މެންބަރުންގެ ސިޓީ މަޖިލީހަށް ލިބުމުން ކަމަށް ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އެއާއެކު މަޖިލީހުގެ ބައެއް މެންބަރުން ވަނީ ތަޅުމުގައި އަޑުގަދަ ކުރަށްވަން ފަށްޓަވާފައެވެ.

މެންބަރުން އަޑުގަދަކުރައްވަން ފެއްޓެވުމުން ރައީސް ނަޝީދު ވަނީ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބާއި، ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުގުނީގެ ނަން އިއްވެވުމަށްފަހު މަޖިލީހުގެ ޖަލްސާ މެދުކަނޑުއްވާ ލައްވާފައެވެ.

މަޖިލީހުގެ ޖަލްސާ އަލުން ފެށުމަށް ފަހުވެސް އެމެންބަރުން މަޖިލީހުގެ ތަޅުން ދޫކޮށް ވަޑައިގެންފައި ނުވާތީ ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ރިޔާސަތުގައި އިންނަވައިގެން މަޖިލީހަށް ޕެޕާ ސްޕްރޭ އާއި ދަގަނޑު މުގުރާއި ކަރަންޓު މުގުރުވެސް ނުގެނެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިކަން ކުރަމުންގެންދާނީ ސުލްހަވެރިކަމާއެކީގައި. ތި އިއްޒަތްތެރި މެންބަރުން ބައެއް ފަހަރު ރަށްރަށަށް ވަޑައިގެން ތި ދައްކަވާ މަންޒަރު މި މަޖިލީހުގެ ތެރޭގައި ނުދެއްކެވުމަށް ވަރަށް ބޮޑަށް އިލްތިމާސްކޮށް އާދޭހާއެކު ދަންނަވަން." ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.

ހަމައެއާއެކު މިއަދު ނަންއިއްވި މެންބަރުން ނުކުންނެވުމަށް އަންގަވަމުން ގެންދަވަނިކޮށް ހަނިމާދޫ ދާއިރާގެ މެންބަރުގެ އަބްދުލްޣަފޫރު މޫސާ ވަނީ މަޖިލީހުގައި ވަޒީރުންނަށް ހާއްސަ ގޮނޑިކޮޅުގައި އިށީންނަވާފަ އެވެ.

ވަޒީރުންނަށް ހާއްސަ ގޮނޑިކޮޅުގައި މެންބަރު ޣަފޫރު އިށީންނެވުމުން ރައީސް ނަޝީދު ވަނީ އެމެންބަރުގެ ނަންވެސް އިއްވަވާފައެވެ.

ނަމަވެސް ނަން އިއްވެވި މެންބަރުން މަޖިލީހުގެ ތަޅުމުން ނުނިކުންނެވުމުން ރައްޔިތުންގެ މަޖިލިސް ހިންގުމުގެ ފުރުސަތު މެންބަރުން ނުދެއްވާ ކަމަށް ވިދާޅުވެ ރަޢީސް ނަޝީދު ވަނީ މިއަދުގެ ޖަލްސާ ނިންމަވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން