ބ. ތުޅާދޫގައި ސަރުކާރުން ހިންގާފައިވާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވީ އެމަނިކުފާނު މިހާރު ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ކަމަށެވެ.

އެމަނިކުފާނު ވަނީ ތުޅާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢާއި، އެރަށުގެ 100 ހައުސިންގ ޔުނިޓްސްގެ މަސައްކަތުގެ ނިމުން ފާހަގަކޮށްދެއްވައި، ފެނަކަ އޮފީސް ހުޅުއްވައިދެއްވާފައެވެ.

ތުޅާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސްރޫޢުގެ މަސައްކަތްކޮށްފައި ވަނީ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން 140 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް އަދި 30 މީޓަރުގެ ޖިއޯބޭގް ގްރޮއިން ޖަހާފައިވެއެވެ.

ތުޅާދޫގައި ތަރައްޤީކުރި 100 ހައުސިންގ ޔުނިޓްސްގެ މަސައްކަތް ކޮށްފައިވަނީ ޖޮއިންޓްވެންޗަރ އުސޫލުން ޕްރިސިޝަން އިންޖިނިއަރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑް އަދި ފްލެކްސްއިން ޕްރައިވެޓް ލިމިޓެޑުންނެވެ. މި ހައުސިންގ ޔުނިޓްތަކަކީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި ތުޅާދޫ ފެނަކަ އައު އޮފީސް އިމާރާތަކީ ރިސެޕްޝަން، ލޮބީ، މެނޭޖަރ ރޫމް، މީޓިންގ ރޫމް، ގެސްޓްރޫމް އަދި ޕޭންޓްރީ ހިމެނޭ ޖާގައިގެ ގޮތުން ތަނަވަސް އޮފީސް އިމާރާތެކެވެ.

އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރުމަތިކޮށް ޚިދުމަތްތައް ފުޅާކުރެއްވުމަށް ސަރުކާރުން ވަނީ ރަށްރަށުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގައި ނިންމާފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެތަންތަން ރަސްމީ ގޮތުން ހުޅުއްވައި ދެއްވައި، ޚިދުމަތްތައް ދަނީ އިފްތިތާޙްކޮށްދެއްވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ސަރުކާރުގެ ސިޔާސަތަކީ ވަކިރަށެއް ތަފާތުކުރުމެއްނެތި ހުރިހާ ރަށަކަށްވެސް ތަރައްޤީ ކަށަވަރުކޮށްދިނުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން