"ބިންވެރިޔާ ސްކީމުގެ" ދަށުން މާލެ ސަރަޙައްދުން ދޫކުރާ ގޯތިތައް މި ހަފްތާ ތެރޭގައި ކަނޑަން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން މިހާރުވަނީ "ބިންވެރިޔާ ސްކީމް" ގެ ދަށުން ހުޅުމާލޭން ގޯތި ލިބުނު މީހުންނަށް ގޯތި ދިނުމަށްޓަކައި، ހުޅުމާލޭ ފަޅު ހިއްކަން ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ ހަވާލުކޮށްފައެވެ.

"ބިންވެރިޔާ ސްކީމް" ގެ ދަށުން މާލޭ ސަރަޙައްދުން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އަދި ލިސްޓުގައި ހިމެނޭ މީހުންނަށް ގުރުލައިގެން ގޯތި ދޫކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ މިމަހުގެ 15 ވަނަ ދުވަހު ފަށާފައެވެ. އެ ސްކީމުގެ ދަށުން ގޯތި ލިބޭ އެންމެންގެ މެދުގައި ގުރުނަގައި ނިމިފައިވަނީ އިއްޔެ އެވެ.

އަކުރަމް ވިދާޅުވެފައިވަނީ ގޯތި ކެނޑުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި، މި ހަފްތާ ނިމުމުގެ ކުރިން އެކަން ފަށާނެކަމަށެވެ. އެގޮތުން ފުރަތަމަ ގޯތި ކަނޑަން ފަށާނީ ހުޅުމާލެ އާއި ގުޅީފަޅުން ހިއްކާފައިވާ ސަރަހައްދުން ކަމަށާއި، މިހާތަނަށް ނުހިކިހުރި ސަރަޙައްދުތައް ހިކެމުންދާ ވަރަކުން ގޯތި ކެނޑުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި މި ދައުރު ނިމުމުގެ ކުރިން އެމަސައްކަތް ނިމޭނެކަމަށް އުންމީދު ކުރަށްވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން 1،351 ގޯތި ދިނުމަށް ނިންމާފައިވާއިރު ގުޅީފަޅުން 2،218 ގޯތި ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ގިރާވަރު ފަޅުން 5،432 ގޯތި ދޭނެކަމަށް ހައުސިން މިނިސްޓްރީން މަޢުލޫމާތު ދެއެވެ. މިސްކީމްގެ ދަށުން މާލޭ ރައްޔިތުންނަށް އެންމެ ބޮޑުކޮށް ދޫކުރަނީ 4،000 އަކަފޫޓްގެ ގޯއްޗެވެ. އަދި އެންމެ ކުޑަކޮށް ދޫކުރުމަށް ހަމަޖެހިފައިވަނީ 1،250 އަކަފޫޓްގެ ގޯއްޗެވެ.

ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން ތިބި ނަމަވެސް އޭގެތެރެއިން މިހާރު ލިބެން ހުރި 9003 ގޯތި ދެވެން އޮތީ އެތަނުން 18،948 މީހަކަށް ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެ ވަޑައިގެންނެވި ގޮތަށް މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހިންގާ "ބިންވެރިޔާ" ސްކީމަކީ، މިހާތަނަށް ރާއްޖޭގައި ހިންގާ ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން