މި ސަރުކާރުން އަނިޔާވެރިކަމަށް ޖާގައެއް ނުދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕޭނުގައި ބ. މާޅޮހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް މިއަދު ވިދާޅުވީ، މިސަރުކާރުން އަނިޔާވެރިކަމަށް ޖާގަ ނުދެއްވާނެ ކަމަށާއި، ސަރުކާރުން ރައްޔިތުންނަށް އަނިޔާކުރާ ވާހަކަ މިއަދު އަޑުއިވިވަޑައިނުގަންނަވާ ކަމަށެވެ.

ރައީސް ވިދާޅުވީ 2013 އިން 2018 އަށް މުޅި ރާއްޖެއިން އެންމެ ބޮޑަށް އިވެމުން ދިޔައީ އަނިޔާވެރި ކަމުގެ ވާހަކަ ކަމަށާއި ނަމަވެސް މިއަދު އެއަޑުތައް ނީވޭ ކަމަށެވެ. އަދި ކުރީގެ ވެރިކަމުގައި އަނިޔާވެރިކަން ތަޖުރިބާ ކުރަން ނުޖެހޭ އެއްވެސް ބަޔަކު ނެތްކަމަށް ރައީސް ވިދާޅުވިއެވެ.

"އަނިޔާވެރި ކަމުގެ ވާހަކަ މިއަދު އިވެމުން ނުދަނީ ސަރުކާރުން އެކަން ނައްތާލާފައިވާތީ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިޔާސީ ލީޑަރުންނާއި، ވިޔަފާރިވެރިންނާއި، ކައުންސިލްތަކާއި ރައްޔިތުންވެސް އަނިޔާވެރިކަމުން ސަލާމަތްކޮށްދިނީ މި ސަރުކާރުން ކަމަށެވެ. ހަމައެއާއެކު އިންޓަނެޓްގެ އަގުހެޔޮ ކޮށްދިނީވެސް މި ސަރުކާރުން ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

އޭގެ އިތުރުން ބ. އަތޮޅުގައި އޮންނަ ރާއްޖޭގެ ފުރަތަމަ ބަޔޮސްފިއާ ރިޒާވާއި، ރާއްޖޭގައި ހިމާޔަތް ކުރާ އެހެނިހެން ތަންތަނުން ލިބޭ އާމްދަނީ އެ ސަރަހައްދެއްގެ ރަށްރަށަށް ލިބޭނެ ގޮތް ހެދުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މި ސަރުކާރުން މިހާތަނަށް ރާއްޖޭގެ 33 ސަރަހައްދެއް ޙިމާޔަތް ކޮށްފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

މާޅޮހަށް ބޭނުންވެފައިވާ ކަންތައްތަކަށް އަލިއަޅުވާ ލައްވަމުން ރައީސް ވިދާޅުވީ، މާޅޮހުގައި ސިޓީ ހޮޓަލެއް އަޅުއްވާނެ ކަމަށާއި، ރަށުގެ މަގުތައް ހައްދަވައި ދެއްވާނެ ކަމަށެވެ. އަދި މާޅޮހުގެ ރައްޔިތުން ޕިކްނިކް ދާނެ ރަށެއް ކަނޑައަޅުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު އެރަށުގެ ބަނދަރުގެ މަސައްކަތް ކުރުމަށް ބޭނުންވާ އީއައިއޭ ހަދައި ނިމުމާ އެކު، އަމަލީ މަސައްކަތް ފަށާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން މާޅޮހުގައި ޒަމާނީ ވަސީލަތްތަކާއެކު އާ ހޮސްޕިޓަލެއް އަޅައިދީ، ސްކޫލަށް ބޭނުންވާ ކްލާސް ރޫމާއި މަލްޓި ޕާޕަސް ހޯލެއްވެސް އަޅައިދޭނެ ކަމަށާއި، ބޮޑު މިސްކިތަކާއި، ފުޓްބޯޅަ ދަނޑަކާއި، ފުޓްސަލް ދަނޑެއް ހަދައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން