ވަޢުދު ވަނީ ޕްލޭނެއް އޮވެގެން ކަމަށާއި، އުފާވެރި އަމާން ރާއްޖެއަށް ދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕޭނުގައި 766 މީހުން ދިރިއުޅޭ ބ. މާޅޮހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް މިއަދު ވިދާޅުވީ، ރިޔާސީ ދެވަނަ ދައުރެއްގައި ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދިނުމަށް އެމަނިކުފާނު ވައުދުވެވަޑައިގަންނަވަނީ އެކަން ކުރާނެ ގޮތުގެ ޕްލޭނެއް އޮވެގެން ކަމަށެވެ. ހަމައެއާއެކު ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ އެމަނިކުފާނުގެ އަމާޒު ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.

ރައީސް މިއަދު ވިދާޅުވީ، ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ވައުދުތައް ފުއްދުމުގެ މަސައްކަތް ފެށުމަށް ހުރިހާ ތައްޔާރީތަކެއް ހުރީ ނިމިފައި ކަމަށެވެ. އެގޮތުން ކޮންމެ ރަށަކަށްވެސް ގެންނަން ޖެހޭ ބަދަލުތައް ލިސްޓް ކުރެވި، ބަޖެޓު ކުރެވި، އެކަން ކުރުމުގެ އަމަލީ މަސައްކަތްތަކަށް ތައްޔާރުވަމުން ދާކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

"އާ ދައުރެއް ހަމަ ފެށުމާއެކުގައި ލަސްތަކެއްނުވެ ވަގުތުން މިމަސައްކަތްތައް ފަށައިގަނެވޭވަރަށް އަޅުގަނޑުމެންގެ ހުރިހާ ޕްލޭނެއް އިރާދަކުރެއްވިއްޔާ ހުރީ ތައްޔާރަށް." ރައީސް ވިދާޅުވިއެވެ.

މާޅޮހަށް ބޭނުންވެފައިވާ ކަންތައްތަކަށް އަލިއަޅުވާ ލައްވަމުން ރައީސް ވިދާޅުވީ، މާޅޮހުގައި ސިޓީ ހޮޓަލެއް އަޅުއްވާނެ ކަމަށާއި، ރަށުގެ މަގުތައް ހައްދަވައި ދެއްވާނެ ކަމަށެވެ. އަދި މާޅޮހުގެ ރައްޔިތުން ޕިކްނިކް ދާނެ ރަށެއް ކަނޑައަޅުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު އެރަށުގެ ބަނދަރުގެ މަސައްކަތް ކުރުމަށް ބޭނުންވާ އީއައިއޭ ހަދައި ނިމުމާ އެކު، އަމަލީ މަސައްކަތް ފަށާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން މާޅޮހުގައި ޒަމާނީ ވަސީލަތްތަކާއެކު އާ ހޮސްޕިޓަލެއް އަޅައިދީ، ސްކޫލަށް ބޭނުންވާ ކްލާސް ރޫމާއި މަލްޓި ޕާޕަސް ހޯލެއްވެސް އަޅައިދޭނެ ކަމަށާއި، ބޮޑު މިސްކިތަކާއި، ފުޓްބޯޅަ ދަނޑަކާއި، ފުޓްސަލް ދަނޑެއް ހަދައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން