މާލޭ ސިޓީ ކައުންސިލުން ދަނީ އެމްޑީޕީގެ ކެމްޕޭނަށް ހުރަސް އަޅަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ކެމްޕެއިންގެ ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސޯލްޓް ކެފޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އެމްޑީޕީން މާލޭގައި ޖަލްސާއެއް ބޭއްވުމަށް ސިޓީ ކައުންސިލްގައި ހުއްދައަށް އެދިފައިވާ ކަމަށެވެ. ނަމަވެސް އެހުއްދަ މިއަދާ ހަމައަށްވެސް ދީފައި ނުވާކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރ ޑރ. މުޢިއްޒުގެ ކެމްޕޭން ޙަރަކާތްތައް މާލޭގައިވެސް ކުރިޔަށް ގެންދަވާ ކަމަށާއި، ނަމަވެސް އެމްޑީޕީގެ ކެމްޕޭނަށް ސިޓީ ކައުންސިލުން ދަނީ އެކި ގޮތްގޮތުން ހުރަސް އަޅަމުން ކަމަށެވެ.

"އެކަމަކު އެތާ އެތެރޭގައި އުޅުއްވާ ކައުންސިލަރުން އަޅުގަނޑުމެން ގާތު އެބަ ވިދާޅުވޭ އެކަމެއް ނެތޭ." މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ސިޓީ ކައުންސިލުން މިހާރު ފެންނަމުންދަނީ ރައީސް ޔާމީންގެ ވެރިކަމުގައި ފެނުނު ޚުދުމުހުތާރުކަން ކަމަށެވެ. އަދި ޑރ. މުޢިއްޒު ވަޑައިގަންނަވަނީ ގާނޫނު އަސާސީގައިވާ ގޮތަށް ކަންކަން ނުކުރައްވާ އެކި ގޮތްގޮތުން އެމްޑީޕީއަށް ހުރަސް އެޅުމަށް މަސައްކަތް ކުރައްވަމުން ކަމަށް މާރިޔާ ތުހުމަތު ކުރެއްވިއެވެ.

ހަމައެއާއެކު މުއިއްޒުގެ ރޭވުންތެރިކަމެއް ނެތް ކަމަށާއި، އުޅުއްވަނީ އެލްބޯޑު ޖަހައިގެން ކަމަށްވެސް މާރިޔާ ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިންވެސް މާރިޔާ ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރަށްވާ މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒަކީ ބޯވައެއްހެން ކުލަ ބަދަލު ކުރަށްވާ ބޭފުޅެއް ކަމަށާއި އެއީ ރައްޔިތުންނަށް ޗޮއިސްއެއް ނޫން ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފޯރި ގަދަވެފައިވާއިރު ކެންޑިޑޭޓުންގެ ސަޕޯޓަރުންގެ މެދުގައި މިހާރު ދަނީ ބަހުގެ ހޫނު ޙަމަލާތައް ބަދަލުކުރަމުންނެވެ. ޖުމްލަ 8 ކެންޑިޑޭޓުން ވާދަ ކުރަށްވާ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 9 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން