ރައީސް ޔާމީންގެ ސަރުކާރުން ބަޖެޓްގެ ބޮޑުބައި ޚަރަދުކުރީ މުގުރަށާއި ޕެޕާ ސްޕޭރޭއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕޭނުގައި ބ. ކަމަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް މިއަދު ވިދާޅުވީ، ކުރީ ސަރުކާރުން ދަޢުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު ފައިސާގެ ބޮޑުބައެއް ހޭދަކޮށްފައިވަނީ މީހުން ޖަލުގައި ބޭތިއްބުމަށާއި މުގުރަށާއި ޕެޕަރ ސްޕްރޭއަށް ކަމަށެވެ. އަދި އެކަން ފުލުހުންގެ ބަޖެޓަށް ބަލާލުމުން ސާފުވާނެ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2013 އިން 2018 އަށް ރާއްޖޭގެ އަމާންކަން އޮތީ ގެއްލިފައި ކަމަށެވެ. އޭގެ އިތުރުން ދަޢުލަތަށް ލިބުނު ފައިސާވެސް ދަޢުލަތުގެ ބަޖެޓަށް ވަދެފައި ނުވާކަމަށާއި އެފައިސާވެސް ޖަމާކުރީ ވެރިމީހާގެ އެކައުންޓަށްކަމަށް ރައީސް ވިދާޅުވިއެވެ.

"ދައުލަތުގެ އާމްދަނީ ތެރެއަށް ބަޖެޓަށް ވައްދަންވީ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރީ" ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް މިއަދު ވިދާޅުވީ، ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބޭ ފައިސާއާއި ދަޢުލަތުގެ ހަރުމުދާ ކުއްޔަށްދީގެން ލިބޭ ފައިސާ ޚަރަދުކުރަން ވާނީ ރައްޔިތުންނަށް ފައިދާހުރިކަންކަން ކުރުމަށް ކަމަށެވެ. ނަމަވެސް މަޖިލީހުގެ މެޖޯރިޓީ އޮވެމެ ކުރީސަރުކާރުން ވަނީ ދައުލަތުގެ ފައިސާއަށް ހިޔާނަތްތެރިވެފައި ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

ރައީސް ވަނީ ދެންއަންނަ ދައުރެއްގައި ކަމަދޫއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސްކޫލްގެ ކްލާސްރޫމްތައް އެޅުމާއި، މަލްޓިޕަރޕަސް ހޯލާއި، ގިރާ ސަރަހައްދު ހިމާޔަތްކޮށް މޫދަށް އެރޭ ސަރަހައްދެއް ޤާއިމްކުރުމާއި، މިސްކިތެއް އެޅުމާއި، ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީކުރުމާއި، އޭޓީއެމް ޚިދުމަތް ފެށުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ހެލްތް ސެންޓަރ 24 ގަޑިއިރަށް ބަދަލުކޮށް ޚިދުމަތް ރަނގަޅުކުރުމާއި، އިންޖީނުގެ އަޕްގްރޭޑްކުރުމާއި، ނެޓްބޯޅަ ކޯޓަކާއި ވޮލީ ކޯޓެއް ޤާއިމްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން