އަންނަ ރިޔާސީ އިންތިޚާބު ދެވަނަ ބުރަކަށް ދާނެކަމަށް ބަލައިގެން ސަރުކާރުން ބައިއަޅަން ނޫޅުމަށާ، އިންތިޚާބު އެއްބުރުން ކާމިޔާބުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ކުދި ޕާޓީތަކާއި އަމިއްލަ ކެންޑިޑޭޓުން ރިޔާސީ އިންތިޚާބުގައި ވާދަކުރަނީ ކޮންމެހެން އިންތިޚާބު ކާމިޔާބުކުރުމަށް ނޫންކަމަށާ، އެއީ ވޯޓު ބައިބައިކޮށްގެން ދެވަނަ ބުރަކަށްގޮސް ސަރުކާރު ލިބޭ ބަޔެއްގެއަތުން ބައިއަޅަން ކަމަށް ރައީސް ވަނީ ތުހުމަތުކުރައްވާފައެވެ. އެހެންނަމަވެސް މިފަހަރު އެފުރުސަތު ނޯންނާނެކަމަށާ، އެމްޑީޕީއާއި އެޕާޓީއާ ގުޅިފައިވާ ޕާޓީތަކުން މިފަހަރު އެއްބުރުން މިއިންތިޚާބު ކާމިޔާބު ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެއްވެސް ބަޔަކު އަމިއްލަ ފައިދާ ނެގުމަށް ނޫޅުމަށާއި މިހާރު މިއިންތިޚާބުގައި ވޯޓުބައިބައި ކުރަން މަސައްކަތް ކުރަމުންދާ ފަރާތްތަކުން އެމްޑީޕީގެ ފަހަތަށް އެރުމަށް ރައީސްވަނީ ގޮވާލައްވާފައެވެ.

މިހާރު ބ. އަތޮޅުގައި ކެމްޕެއިން ކުރައްވަމުން ގެންދަވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު މިމޭރުމުން ވާހަކަފުޅުދެއްކެވީ ބ.ކެންދޫއަށް ވަޑައިގެން އެރަށުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ބ.އަތޮޅު އޮތީ އެމަނިކުފާނާއި އެކުގައިކަން އެއަތޮޅަށް ކުރެއްވި މިދަތުރުފުޅުންވެސް ޔަޤީންވެވަޑައިގަންނަވާ ކަމަށެވެ.

ރައީސް ވަނީ އެމަނިކުފާނުގެ ސަރުކާރަކީ މިހާތަނަށް ރާއްޖޭގައި ކޯލިޝަނެއް ކާމިޔާބުކަމާއެކު ދެމެހެއްޓި ހަމައެކަނި ސަރުކާރުކަމުގައި ވިދާޅުވެފައެވެ.

ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ހެދި ކޯލިޝަން 21 ދުވަސްތެރޭގައި ރޫޅިގެން ދިޔަކަމާއި ރައީސް ޔާމީންގެ ސަރުކާރުގެ ކޯލިޝަން 6 މަސްދުވަހުގެތެރޭގައި ރޫޅުނުކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން އަންނަ ދައުރުގައި އެމަނިކުފާނާއެކު ކޯލިޝަން ހަދަން ބޭނުންވާނަމަ މިހާރު އެމްޑީޕީއާ ގުޅުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން