ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ޤައުމީ ސަލާމަތުގެ ނިޒާމު ވަރުގަދަކުރުމަށް ސައިބަރ ސެކިއުރިޓީގެ ނިޒާމު ވަރުގަދަކޮށް، ވައިގެ ސިފައިންގެ ނިޒާމު ފުޅާކޮށް ވަރުގަދަކުރައްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނުއްވައިފިއެވެ.

ޖުމުލަ 5 ބައެއްގެ މައްޗަށް އެކުލެވޭ، ރައީސް ޞާލިޙުގެ ރިޔާސީ މެނިފެސްޓޯގައި އެންމެފަހުން އިފްތިތާޙުކުރެއްވީ ހެޔޮވެރިކަމުގެ ބައެވެ. މިބައިގެ 4ވަނަ ސިޔާސަތަކަށް ކަނޑަައަލުއްވާފައިވަނީ ލާމެހިފައިވާ ދިފާޢަށެވެ. ލާމެހިފައިވާ ދިފާޢުގެ ދަށުން ކުރައްވަން ކަނޑައަޅުއްވާފައިވާ ކަންތައްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި، މި ސަރަހައްދުގެ ގައުމުތަކާއި، ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއާއި ވިސްނުން އެއްގޮތް ގައުމުތަކާއެކު ދިފާއީ އަދި ސަލާމަތީ ގުޅުންތައް ބަދަހިކޮށް، އެ ގުޅުންތަކުގެ ތެރެއިން އިތުބާރު އުފައްދާ، ރާއްޖޭގެ ދިފާއީ އަދި އަސްކަރީ ގާބިލްކަން އިތުރުކޮށް ފުޅާކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

އަދި ދިވެހިރާއްޖެއަށް އެތެރެއާއި ބޭރުން ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަނެ، އެކަންކަމާމެދު އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އެޅުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ގައުމީ ސަލަމަތާ ގުޅުންހުރި އިންޓެލިޖެންސް ދާއިރާތައް ތަރައްގީކުރައްވާނެކަމަށާ، ދިވެހިރާއްޖޭގެ ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގެ ކޯސްޓަލް ސާރވެއިލަންސް ހަރުދާނާކޮށް މިހާރުގެ ރާޑަރ ނެޓްވޯރކް ފުޅާކުރައްވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ގައުމީ ސަލާމަތާބެހޭ ޚާއްސަ ގާނޫނަކުން ބާރުލިބިގެން ދިވެހިރާއްޖޭގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ އާއި ސައިބަރ ސެކިއުރިޓީ ކަށަވަރުކުރައްވާނެ ކަމަށްވެސް ރައީސް ޞާލިޙުގެ މެނިފެސްޓޯގައި ބަޔާންކުރައްވާފައިވެއެވެ.

ރާއްޖޭގެ އެއްގަމާއި ކަނޑާއި ވަޔާއި އަދި ސައިބަރ މާހައުލު ވެސް ހިމެނޭ ގޮތަށް ކޮންމެ މައިދާނެއްގައި ވެސް އަދި ކޮންމެ ހާލަތެއްގައި ވެސް ވަގުތުން ހަރަކާތްތެރިވުމުގެ ގާބިލްކަންހުރި، ވިލުންވެރި ފުރިހަމަ ދިފާއީ އަދި އަސްކަރީ ނިޒާމެއް ބިނާކުރައްވާނެކަމަށާ، ދިފާއީ، ސަލާމަތީ އަދި މަދަނީ ދިފާއުގެ ޒިންމާތައް އިންޓެގްރޭޓްކުރެވިފައިވާ، އަދުގެ ސަލާމަތީ މާހައުލަށް އެކަށޭނަ، ދިމިގުރާތީ ހަމަތަކަށް އިހްތިރާމްކުރާ، ފައިޓިން-ފިޓް އަސްކަރިއްޔާއެއް ދަމަހައްޓަވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

މުޅި ގައުމަށް ފުޅާވަމުންދާ ތަރައްގީއާއެކު އެއްގަމާއި ކަނޑުގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރ އިތުރުވަމުންދާއިރު، ހިނގާފާނެ ހާދިސާތަކަށް ލަސްނުވެ ހަރަކާތްތެރި ވެވޭނެހެން ސިފައިންނާ ފުލުހުންގެ ލޮޖިސްޓިކް ނިޒާމު ވަރުގަދަކޮށް، ކަނޑާވައިގެ ބަނދަރުތަކުގެ ސެކިއުރިޓީ ފެސިލިޓީތައް ގާއިމްކުރައްވާނެކަމަށާ، މުޅި ސަރުކާރާއި މުޖްތަމައު ގުޅިގެން އެކުލަވާލެވޭ ނިޒާމެއްގެ ތެރެއިން، ދިވެހިރާއްޖޭގައި ޓެރެރިޒަމް އަމަލެއް ހިންގިޔަ ނުދިނުމަށާއި، ހުއްޓުވުމުގެ މަސައްކަތް ވަށާޖެހޭނެހެން ހަރުދަނާކުރައްވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން