އާބާދީގެ ނިސްބަތަށް އަންނަ އިތުރުވުމާއެކު ކޮންމެ ފަސްއަހަރަކުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިތުރުވާގޮތަށް މިހާރު އޮންނަ އޮތުން ބަދަލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަޢުދުވެވަޑައިގެންފިއެވެ.

އެމަނިކުފާނުގެ އަންނަ ރިޔާސީ ދައުރުގެ މެނިފެސްޓޯގައި ދައުލަތް ހިންގުން ވަރުގަދަކުރެއްވުމުގެ ސިޔާސަތުގެ ދަށުން މުހިންމު ގިނަ ކަންތައްތަކެއް ކުރައްވަން ވަނީ ކަނޑައަޅުއްވައި ވަޢުދުވެވަޑައިގެންފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީސް އެކުލެވިގެންވާގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، މެމްބަރުންގެ އަދަދު ކޮންމެ ފަސްއަހަރަކުން އިތުރުވާ ގޮތަށް އޮތް އޮތުން ބަދަލުކުރުމަށް ގާނޫނު އަސާސީ އިސްލާހުކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ދައުލަތް ހިންގުން ވަރުގަދަކުރެއްވުމުގެގޮތުން ކުރައްވާނެ ކަންކަމުގެ ތެރޭގައި ދައުލަތުގެ އިދާރާތަކުން އާންމުންނަށް ދޭ ޚިދުމަތްތައް އެއް މަންސައެއްގެ ދަށުން ފަސޭހަކަމާއެކު ލިބޭނެ ގޮތަށް ގާއިމްކޮށްފައިވާ ވަން ގަވް، މެދުވެރިކޮށް ލިބޭ ހިދުމަތްތަކުގެ ދާއިރާ ފުޅާކޮށް، ދައުލަތުގެ ހުރިހާ އިދާރާއަކުން އާންމުންނަށް ދޭ ހިދުމަތްތައް މި ނިޒާމު މެދުވެރިކޮށް ލިބޭނެ ގޮތް ހައްދަވާނެކަމަށް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ދިވެހި ސިވިލް ސަރވިސްއަކީ ވެރިކަން ހިންގުމުގެ ބާރުގެ ސިޔާސަތުތައް ހަލުވިކަމާއެކު ތަންފީޒުކުރެވޭނެފަދަ ބައްޓަމަކަށް ގާއިމްކޮށްފައިވާ އެފިޝަންޓް ނިޒާމެއްގެ ގޮތަށް ބަދަލު ކުރުމަށާއި، ސިވިލް ސަރވިސްގެ ރެގިއުލޭޓަރީ ނިޒާމަކީ ޒަމާނީ ހިންގުމުގެ ގޮތަށް ބައްޓަންކުރެވިފައިވާ ފްލެކްސިބަލް އަސާސްތަކުގެ މައްޗަށް ގާއިމްކުރެވިފައިވާ ނިޒާމެއްގެ ގޮތަށް ބަދަލު ކުރުމުގެ ގޮތުން ސިވިލް ސަރވިސްގެ މޮޑެލްއަށް ގެންނަންޖެހޭ ޤާނޫނީ އިސްލާހުތައް ގެންނަވާނެކަމަށާ، ދައުލަތުގެ މުއައްސަސާތަކުގެ ގަވަރނަންސްގައި ހުރި ފަރަގުތައް ނައްތާލައި، އޮޕަރޭޝަނަލް މިނިވަންކަމާއެކު ދައުލަތުގެ މުއައްސަސާތައް ހިންގޭނެ ޒަމާނީ އޮނިގަނޑެއް ގާއިމްކުރުމަށްޓަކައި، ޕަބްލިކް ސަރވިސެއް ގާއިމްކުރުމުގެ ގޮތުން ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަވާނެކަމަށް މެނިފެސްޓޯގައި ރައީސް ޞާލިޙު ވިދާޅުވެފައިވެއެވެ.

އަދި ވަޒީފާއާބެހޭ ޤާނޫނަކީ ވަޒީފާއަދާކުރާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކުގެ ހައްޤުތައް ފުރިހަމަގޮތުގައި ހޯދައިދޭ، ހިންގުމުގެ ނިޒާމުތަކަށް އައިސްފައިވާ ކުރިއެރުންތައް އެކުލެވޭ، ފްލެކްސިބަލް އަސާސްތަކެއްގެ މައްޗަށް ބައްޓަންކުރެވިފައިވާ ޤާނޫނެއްގެ ގޮތަށް ބަދަލުކުރުމަށްޓަކައި ޤާނޫނު އިސްލާހުކުރެއްވުމާއި މަސައްކަތުގެ ބާވަތުންނާއި، މެދުވެރިވާ ހާއްސަ ހާލަތްތަކުގެ ސަބަބުން، އާންމު އުސޫލުން މަސައްކަތަށް ހާޒިރުވުމަކާނުލާ ފްލެކްސިބަލް އަދި ރިމޯޓް ވޯރކިންގްގެ އުސޫލުން ދައުލަތުގެ އިދާރާތަކުގައި މަސައްކަތް ކުރެވޭނޭ ގޮތް ހަމަޖައްސައިދިނުމަށް ކަމާބެހޭ ގާނޫނުތަކަށް އިސްލާހުގެންނަވާނެ ކަމަށްވެސް ރައީސް ވަނީ ވަޢުދުވެވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން