އޭސީސީގެ ކުރީގެ ރައީސް ޙަސަން ލުތުފީގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ޙަސަން ލުތުފީގެ ޕާސްޕޯޓު ކޯޓު އަމުރެއްގެ ދަށުން ހިފެހެއްޓީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބިފައިވާތީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެނެވެ.

ލުތުފީގެ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. ފުލުހުން ބުނެފައިވަނީ ހަސަން ލަތީފު ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ ކުށަކީ މަނީ ލޯންޑަރިން ކަމަށެވެ.

އެމައްސަލަ ފުލުސް އޮފީހަށް މައްސަލަ ހުށަހެޅީ، މަނީ ލޯންޑްރިންގ އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމަށް، މަރުކަޒީ ބޭންކު، އެމްއެމްއޭގައި އުފައްދާފައި އޮންނަ ގައުމީ އިދާރާ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ.

މަޤާމުގެ ޒިންމާ އަދާ ނުކުރާ ކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ލުތުފީ މަޤާމުން ވަކިކުރުމަށް ނިންމާފައިވަނިކޮށް އޭނާ ވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 26 ގައި މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އޭރު އޭނާ ދިރިއުޅުއްވަމުން ގެންދެވީ މެލޭޝިއާގައެވެ.

ލުތުފީ މިވަގުތު ހުންނެވީ އައްޑޫސިޓީ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން