ރާއްޖޭގެ ޢަދުލު އިންސާފުގެ ދާއިރާ އިސްލާޙުކޮށް ހަރުދަނާކުރުމަށް މިސަރުކާރުން ކުރި މަސައްކަތްތަކާއެކު މިއަދު ދިވެހިރާއްޖޑޭގެ ސުޕްރީމް ކޯޓަކީ ރައްޔިތުންގެ އިތުބާރު އޮތް ތަަނަކަށް ހެދިއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައމްދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މިހާރު ކުރައްވަމުން އަންނަ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރ. އަތޮޅު މީދޫގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ މިސަރުކާރުން ކުރި އިސްލާޙީ މަސައްކަތްޕުޅުގެތެރެއިން އެންމެ މުހިންމު އެއްކަމަކީ ޝަރުޢީ ނިޒާމު ހަރުދަނާކޮށް އެއީ ރައްޔިތުންގެ އިތުބާރު އޮތް ނިޒާމަކަށް ހެއްދެވުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ވެރިކަމުގެ ފުރަތަމަ ދައުރުގައި ކުރެއްވި މަސައްކަތްޕުޅާއި އެޅުއްވި ފިޔަވަޅުތަކުން ޝަރުޢީ ދާއިރާއަށް ގެނެވުނު ބަދަލާއެކު ސްޕްރީމް ކޯޓަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ވުޖޫދުވެގެން އައީވެސް މި ބިންގަލުގެ މައްޗަށްކަމަށާ، އެއީ އެއިންސާފު ރައްޔިތުންނަށް ހޯދައި ދިނުންކަމަށް ރައީސް ވިދާޅުވިއެވެ. އިންސާފު ނުލިބި ތިބި، އިންސާފުން މަހްރޫމްވެފައި ތިބި އެތައްބަޔަކަށް އިންސާފު ހޯދައި ދިނުމަކީ އެމްޑީޕީ ވުޖޫދުވުމުގެ މައިގަނޑު މަޤުސަދުކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަނިޔާވެރިކަން އިންތިހާއަށް ގޮއްސައި އޮތް އޮތުން ބަދަލުކޮށް އަމާން އިންސާފުވެރި ޒަމާނީ ޑިމޮކްރެޓިކް މުޖުތަމަޢެއް ރާއްޖޭގައި ޤާއިުމުކުރުމަކީ އެމްޑީޕީ އުފެދުނު މަޤުސަދުކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

އެމްޑީޕީ އުފެދުނު ދުވަސްވަރު ރާއްޖޭގެ ޙާލަތު އޮތްގޮތް ސިފަކުރައްވަމުން ރައީސް ވިދާޅުވީ އޭރު އެތައްބަޔަކު އެއްވެސް ޙުކުމެއް ނެތި އެތައް ދުވަހަކު ބަންދުގައި ނުވަތަ ޖަލުގައި ހޭދަކުރަން ޖެހިފައިވާކަމަށެވެ. އަދި އިންސާފު ނުލިބިގެން އޭރުގެ ވެރިންގެ އަރިހަށް އަބަދުވެސް ހިނގަން ޖެހޭކަމަށާ، އޭރު މިފަދަ ހިތްދަތިކަމާއި އަނިޔާ ތަހައްމަލުކުރަންޖެހުނު އެތައްބަޔަކު މިއަދުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަތިބިކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން އެމްޑީޕީން އަބަދުވެސް އެންމެ އިސްކަމެއްދޭ އެއްކަމަކީ އިންސާފު ޤާއިމް ކުރުންކަމަށާ، އެމްޑީޕީގެ ކޮންމެ ވެރިކަމެއްގައިވެސް އެންމެ އިސްކަން ދޭނެ އެއް ސިޔާސަތަކީވެސް އެއީކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން