އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓު ނުވަތަ ވޯޓުލެވޭ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރެއްވުން މާދަމާއިން ފެށިގެން ކުރިއަށްދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އެކޮމިޝަނުގެ އޮފިޝަލުން މިހާރު އަންނަނީ ވޯޓުލާ މީހުންގެ ލިސްޓުގައި ސޮއިކުރައްވަމުންކަމަށާ، އެކަން ނިމުމާއެކު ދެން އޮންނާނީ ކެންޑިޑޭޓުން ސޮއިކުރުމުގެ މަސައްކަތްކަމަށް އީސީން ބުނެފައި ވެއެވެ. ވޯޓުލާ މީހުންގެ ފައިނަލް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުމަކީ ސުޕްރީމް ކޯޓުގެ ގައިޑްލަނެއްގެ ދަށުން މިހާރު ކުރުން ލާޒިމްވެފައި އޮންނަ ކަމެކެވެ. އެއީ 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން އެކޯޓުން ކުރެއްވި ޙުކުމާއެކު ކަނޑައަޅާފައިވާ ގައިޑްލައިނެކެވެ.

އޭގެފަހުން އިލެކްޝަންސް ކޮމިޝަނުން ބާއްވާ ކޮންމެ އިންތިޚާބަކާ ގުޅިގެންވެސް ވޯޓުލާ މީހުންގެ ފައިނަލް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުން އޮވެއެވެ.

އަންނަ މަހު 9ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްލަ 8 ކެންޑިޑޭޓުން ވާދަކުރެއެވެ. އޭގެ ތެރެއިން ފަސް ކެންޑިޑޭޓުންނަކީ ސިޔާސީ ޕާޓީތަކުގެ ޓިކެޓުގައި ވާދަކުރައްވާ ބޭފުޅުންނެވެ. އެއީ އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ޑރ.މުހައްމަދު މުއިއްޒާއި ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމް އިބްރާހިމާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން އިލްޔާސް ލަބީބާއި އެމްއެންޕީގެ ފަރާތުން މުހައްމަދު ނާޒިމެވެ.

މީގެއިތުރުން އަމިއްލަގޮތުން ތިން ކެންޑިޑޭޓަކު މިފަހަރު ވާދަކުރައްވައެވެ. އެއީ އުމަރު ނަސީރާއި ފާރިސް މައުމޫނާއި ހަސަން ޒަމީރެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 282،395 މީހުންނަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން