އަންނަ ރިޔާސީ ދައުރުގައި ދަނޑުވެރިކަމަށް ވަކި ޚާއްސަ މިނިސްޓްރީއެއް އުފައްދަވައި ހަރުދަނާގޮތެއްގައި ހިންގަވަން ފަށްޓަވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ މެނިފެސްޓޯގައި ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙުގެ މެނިފެސްޓޯގެ އިޤްތިޞާދާބެހޭ ބާބުގެ "ބާރުވެރި އިގްތިސާދު"ގެ ސިޔާސަތުގެ ދަށުން ވަނީ މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއެރުވުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުއްވުމަށް ވަނީ ކަނޑައަޅުއްވާފައެވެ. އެގޮތުން ކުދި ދަނޑުވެރިންނަށް ބޭނުންވާ މައިކްރޯފައިނޭންސިންގ ސްކީމްތައް ތައާރަފްކޮށް، ދަނޑުވެރިންނަށް ބޭނުންވާ ބިން ހޯދައިދިނުމަށް އިސްކަންދެއްވާނެކަމަށް ވިދާޅުވެފައިވެއެވެ.

އަދި ރާއްޖޭގެ ރަށްތަކުގައި ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުންދާ މީހުންނަށް، ހާއްސަކޮށް ހޯމް ބޭސްޑް އަންހެން ދަނޑުވެރިންގެ އުފެއްދުންތަކަށް މާކެޓް ހޯދުމުގެ މަސައްކަތް ރަށު ކައުންސިލްތަކާއި ގުޅިގެން ކުރިއަށް ގެންދާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެގްރޯނެޓް މެދުވެރިކޮށް ދަނޑުވެރިކަމުގެ ވަސީލަތްތަކާއެކު އެކަމަށް ހާއްސަ ރަށްތައް މުޅިން އަލަށް ތަރައްގީކޮށް، ދަނޑުވެރިންނަށް އެ ރަށްތަކުގައި ދަނޑުވެރިކަންކޮށް ޔަގީންކަމާއެކު ދަނޑުވެރިކަމުގެ ނަފާ ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށާ، ދަނޑުވެރިކަމުން އުފައްދާ ތަކެއްޗަށް ލިބޭ ނަފާ އިތުރުކުރުމަށް އެކްސްޕޯޓް އޮރިއެންޓެޑް ވެލިއު ޗެއިންއެއް ގާއިމުކޮށް، ދިވެހި ދަނޑުވެރިންނަށް ދިވެހި މާރކެޓާއި، ރިސޯޓުތަކާ، ބައިނަލްއަގްވާމީ މާކެޓްތަކާއި ގުޅުވައިދޭނެ ކަމަށްވެސް މެނިފެސްޓޯގައި ވިދާޅުވެފައިވެއެވެ.

ބިން ނެތް އަތޮޅުތަކަށް ހާއްސަކޮށް އިނޮވޭޓިވް ޓެކްނޮލޮޖީތައް ބޭނުންކުރުމަށާއި ވަރޓިކަލް އަދި ހައި-ޑެންސިޓީ ފާމިންގ ފަދަ ދަނޑުވެރިކަން ފުޅާކުރުމަށް ފަންނީ އަދި މާލީ އެހީތެރިކަން ހަމަޖައްސައިދޭނެކަމަށާ، މިއާއެކު، ދެމެހެއްޓެނިވި ގޮތެއްގައި މުޅި އަހަރު ތެރޭގައި ހައްދާ ތަރުކާރީ އާއި މޭވާ ލިބިގެންދާނެ އިންތިޒާމު ފަހިވެގެންދާނެ ކަމަށްވެސް މި މެނިފެސްޓޯގައި ވެއެވެ.

ދަނޑުވެރިކަމާ އަދި މަސްވެރިކަމަށް ވަކި ދެ މިނިސްޓްރީއެއްގެ ގޮތުގައި ހަމަޖައްސެވުމުގެ އެންމެ މުހިންމު މަޤުސަދަކީ ސަރުކާރު ސިޔާސަތު އަދި ޕްރޮޖެކްޓްތައް އެ ސިނާއަތާ ގުޅޭ ގޮތަށް ބައްޓަންކޮށް ހިންގެވުންކަމަށް ރައީސް ޞާލިޙުގެ މެނިފެސްޓޯގައި ވިދާޅުވެފައިވެއެވެ.

ދަނޑުވެރިންގެ ތަފްސީލީ ދަފްތަރެއް އެކުލަވާލާ ދަނޑުވެރިންގެ އުފެއްދުންތައް ހިސާބުކުރެވި، އިމްޕޯޓް ސަބްސްޓިޓިއުޝަންގައި ބައިވެރިވާ ދަނޑުވެރިންނަށް އިންސެންޓިވްތަކެއް ދެވޭނެކަމަށާ، ދަނޑުވެރިކަމުގެ ދާއިރާއަށް ޒުވާން ޖީލެއް ވެއްދުމުގެ ގޮތުން "އެގްރިޕްރިނިއާސް" އުފެއްދުމުގެ ޕްރޮގްރާމެއް ތައާރަފްކުރާނެކަމަށްވެސް ވިދާޅުވެފައިވއެވެ.

ދިވެހި ދަނޑުވެރިންގެ އުފެއްދުންތެރިކަމާ ނަފާ އިތުރުކުރުމަށާއި ރާއްޖެއިން ބޭރުން އިމްޕޯޓުކުރުމަށް ބަރޯސާވުން ކުޑަކުރުމުގެ ގޮތުން އުފެއްދުންތެރިކަން އިތުރުވާ މިންވަރަށް ބަލާ، އިމްޕޯޓް ސަބްސްޓިޓިއުޝަނަށް ކަނޑައަޅާ ބާވަތްތަކުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރަންވެސް ވަނީ ނިންމަވާފައެވެ.

ދިވެހިރާއްޖޭގެ ދަނޑު ގޮވާން ކުރާ ފަރާތްތަކަށް އެފަރާތްތަކުގެ ބިންތަކަށް މޫސުމީ ބަދަލުތަކާއި ގުޅިގެން ލިބޭ ގެއްލުންތަކުން ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން "ޤައުމީ ދަނޑުގޮވާން އިންޝުއަރެންސް ސްކީމް"ވެސް ތައާރަފް ކުރަން ރައީސް ވަނީ ނިންމަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން