އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުވެއްޖެނަމަ ރާއްޖޭގެ މަސްވެރިންގެ ފައިދާއާއި ލާބައަށް އިތުރު ގިނަ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށާ، ފިފްތު-ޖެނެރޭޝަން މަސް ދޯނި ފަހަރު ބަނުމަށް ލޯނު ސްކީމެއް ތައާރަފްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަޢުދުވެވަޑައިގެންފިއެވެ.

އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގެ އިޤްތިޞާދާބެހޭ ބާބުގެ ދަށުން ކަނޑައަޅުއްވާފައިވާ މަސްވެރިކަމުގެ ސަިޔާސަތުގެ ތެރޭގައި ވަނީ މިކަން ހިމަނުއްވައި ކަނޑައަޅުއްވާފައެވެ. މަސްވެރިކަމުގެ ނަފާ އިތުރުކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅުއްވަން ވަނީ ކަނޑއަޅުއްވާފައެވެ. އެގޮތުން ދިވެހި މަހުގެ ބާވަތްތަކަށް ބޭރުގެ ގައުމުތަކުން ނަގާ ޓެކްސް ކުޑަކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިނގިރޭސި ވިލާތާއި ޔޫރަޕިއަން ޔޫނިއަނުން ނަގާ ޓެކްސް އަންނަ ދައުރުގެތެރޭގައި ކުޑަކުރެވޭނެކަމަށް ވިދާޅުވެފައިވެއެވެ.

އަދި ދުނިޔޭގެ މަލްޓި ބިލިއަން ޑޮލަރުގެ އިންޑަސްޓްރީއެއް ކަމަށްވާ މެރިކަލްޗަރ އަދި އެކުއަކަލްޗަރއަށް ޕްރައިވެޓް ސެކްޓަރ އިންވެސްޓްކުރުމުގެ އައު ފުރުސަތުތައް ހުޅުވައިދޭނެކަމަށާ، މަސްއޮޑިފަހަރު ބަނުމަށާއި އިންޖީނު އެޅުމަށް ދޭ ލޯނު ސްކީމް އިތުރަށް ލުއިފަސޭހަކޮށް، ފުޅާކޮށް، މަސްވެރިންނަށް ހާއްސަކޮށް މައިކްރޮފައިނޭންސިންގ ފެސިލިޓީއެއް ތައާރަފްކުރާނެ ކަމަށްވެސް ރައީސް މެނިފެސްޓޯގައި ވިދާޅުވެފައިވެއެވެ. އަދި ބޭންކުތަކުންދޭ ލޯން ޕްރޮޑަކްޓްތައް މަސްވެރިންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިވެހި މަސްއޮޑި ފަހަރު ޒާމާނީ ފެންވަރަށް ގެނެސް، ބާނާ މަހުގެ ތާޒާކަން ހިފަހައްޓައި ގިނަ ދުވަހު ކަނޑުމަތީގައި އުޅެވޭނެ ވަސީލަތްތަކާއެކީ ފިފްތު-ޖެނެރޭޝަން މަސް ދޯނި ފަހަރު ބަނުމަށް ލޯން ސްކީމް ތައާރަފްކުރައްވާނެ ކަމަށް އެމަނިކުފާ މެނިފެސްޓޯގައި ވަޢުދުވެވަޑައިގެންފައި ވެއެވެ.

މީގެއިތުރުން ދިވެހި ޒުވާނުން މަސްވެރިކަމަށް ނެރުމަށްޓަކައި ސްކޫލުދައުރުން ފެށިގެން މަސްވެރިކަމަށް އަހުލުވެރިކޮށް، ކައުންސިލްތައް މެދުވެރިކޮށް ޕްރޮގްރާމްތައް ހިންގައި މަސްވެރިކަމަކީ ޝައުގުވެރިވާފަދަ ދާއިރާއަކަށް ހައްދަވާނެކަމަށް ރައީސްގެ މެނިފެސްޓޯގައި ވެއެވެ. ދިވެހި މަސްވެރިކަމުގެ ދެމެހެއްޓެނިވިކަން ރަމްޒުކޮށްދޭ ލޭބަލެއް ހަދައި ބޭރުގެ ސަޕްލަޔަރުން ބަލައިގަންނަ ބްރޭންޑިންއެއް ތައާރަފްކޮށް، ކަސްޓަމްސް އިން ލިބޭ އާމްދަނީގެ އިންސައްތައެއް ކަނޑައަޅާ ދުނިޔޭގެ ފެންވަރުގައި މާކެޓް ކުރުމަށްޓަކައި އެކްސްޕޯޓް ޕްރޮމޯޝަން ބޯޑެއް ގާއިމުކުރައްވާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަދި ގޭގައި މަސައްކަތްކުރާ ފަރާތްތަކުން ތައްޔާރުކުރާ މަހުގެ ބާވަތްތަކުން ލިބޭ މަންފާ އިތުރުކުރުމުގެ ގޮތުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން މެދުވެރިކޮށް މާކެޓް ކުރުމަށް ހާއްސަ ޕްރޮޑަކްޓް ލައިނެއް ތައާރަފްކުރައްވާނެއެވެ. ދިވެހި މަސްވެރިންނަށް ޕްރޮފެޝަނަލް ޑައިވިންގް ތަމްރީން ދިނުމަށްޓަކައި މިހާރު ހިނގަމުންދާ ޕްރޮގްރާމްތައް ފުޅާކޮށް، މަސްވެރިން ހިލޭ ތަމްރީންކުރުމުގެ ފުރުސަތު ހުޅުވާލާ، މި މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވުމަކީވެސް މީގައި ހިމެނޭ މުހިންމު އެއް ވަޢުދެވެ.

މަސްވެރިކަމާއި ފަތުރުވެރިކަމާ ގުޅުވާޅައި ގިނަ ވަޒީފާއާއި ވިޔަފާރީގެ ފުރުސަތު ހޯދައިދިނުމަށްޓަކައި މަސްވެރިކަން "އެޑްވެންޗަރ ސްޕޯޓް"އެއްގެ ގޮތުގައި ޕްރޮމޯޓްކުރައްވާނެކަމަށާ، ރާއްޖޭގެ މަސްވެރިން ބާނާ މަސް ގަނެ، ރައްކާކޮށް، ޕްރޮސެސްކުރެވޭނެ ކެޕޭސިޓީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރުކުރައްވާނެކަމަށްވެސް ރައީސް ޞާލިޙުގެ މެނިފެސްޓޯގައި ވެއެވެ.

އަދި މުޅި ރާއްޖޭގައި މަސްވެރިންނަށް ފަސޭހައިން އައިސް ލިބުމުގެ ނިޒާމު ފުޅާކުރެއްވުމާއި މަސްވެރިންނަށް ދާއިރާގެ ތެރެއިން ދިމާވާ ހާދިސާތަކުން ލިބޭ ގެއްލުންތަކުންނާއި ސިއްހީ ގޮތުން ދިމާވެދާނެ ކަންކަމުން އަރައިގަންނަން އެހީވެދޭނެ ހާއްސަ އިންޝުއަރެންސެއް ތައާރަފްކުރެއްވުމަކީވެސް މަސްވެރިކަމާގުޅޭ މުހިންމު ވަޢުދުތަކުގެތެރޭގައި ހިމެނޭ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން