އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ވެރިކަމުގެ 5 އަހަރުދުވަހުގެތެރޭގައި 500 ދިވެހިންނަށް ފަތުރުވެރިކަމުގެ ދާއިރާގެ ލީޑަރޝިޕް ސްކޮލަރޝިޕް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައި ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ބާރުވެރި އިޤްތިޞާދުގެ ދަށުން ފަތުރުވެރިކަމުގެ ނަފާ އެންމެންނަށް ލިބޭނެ އިންތިޒާމު ހަޖެއްސެވުމަށް ޚާއްސަ ސިޔާސަތުތަކެއް އެކުލަވާލާފައިވެއެވެ. އެގޮތުން ފަތުރުވެރިކަމުގެ އިސްސަފުގައި ދިވެހިންގެ ޝާމިލުވުން އިތުރުކޮށް ފުޅާކުރެއްވުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވަން ވަނީ ކަނޑައަޅުއްވާފައެވެ. އޭތެރެއިން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ކަމަކީ މަތީ ތައުލީމާއި ތަމްރީންގެ ޕްރޮގްރާމްތަކުގެ ތެރެއިން ފަތުރުވެރިކަމަށް ހާއްސަ ފުރުސަތުތައް ކަނޑައަޅައި، ރިޒޯޓުތަކުގެ މަތީ މަގާމުތަކުގެ 50 އިންސައްތަ ދިވެހިންނަށް ހާއްސަކުރުމުގެ އަމާޒަށް ވާސިލުވުމަށްޓަކައި 5 އަހަރު ތެރޭގައި 500 ދިވެހިންނަށް ފަތުރުވެރިކަމުގެ ދާއިރާގެ ލީޑަރޝިޕް ސްކޮލަރޝިޕްތައް ފޯރުކޮށްދެއްވުމެވެ. ރައީސް ވަނީ މިކަމަށް ވަޢުދުވެވަޑައިގެންފައެވެ.

މީގެއިތުރުން ދިވެހިރާއްޖެ ފަޚުރުވެރިވާނެފަދަ ދުނިޔޭގެ ފެންވަރުގެ ދިވެހި ހޮސްޕިޓެލިޓީ މެނޭޖްމަންޓް ބްރޭންޑްތަކެއް އުފެއްދުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށާ، ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިންގެ މިލްކުވެރިކަމުގެ ހިއްސާ އިތުރުކުރުމަށް އިންވެސްޓްމަންޓް ފަންޑެއް ތައާރަފްކޮށް، ދިވެހި ވިޔަފާރިތަކަށް ބޭރުގެ ބޮޑެތި ވިޔަފާރިތަކާ ފައިހަމަކުރުމަށް އިންވެސްޓްކުރުމަށް ބޭނުންވާ ކެޕިޓަލް ފޯރުކޮށްދެއްވާނެ ކަމަށްވެސް ރައީސްގެ މެނިފެސްޓޯގައި ވެއެވެ. މީގެ އިތުރުން ލިވްއަބޯޑް އަދި ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމަށް މި ފަންޑުން އިންވެސްޓް ކުރާނެކަމަށްވެސް ވިދާޅުވެފައިވެެވެ.

މެނިފެސްޓޯގައި ހުރި ބައެއް މުހިންމު އެހެން ކަންކަމަށް ބަލާއިރު ރާއްޖޭގެ އުތުރާއި ދެކުނުގައި އިންޓަރނޭޝަނަލް ފްލައިޓް ދެމެހެއްޓެނިވި ގޮތެއްގައި އޮޕަރޭޓްކުރުމަށް ބައިނަލްއަގްވާމީ އެއަރޕޯޓުތައް ހިމެނޭ ސަރަހައްދުތަކުގައި ސަރުކާރު މެދުވެރިވެގެން ބެޑް ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ އިންވެސްޓްމަންޓްތަކަށް މަގުފަހި ކޮށްދިނުން ވެސް ހިމެނެއެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނަކީ ވަކި ބްރޭންޑެއްގެ (ޑެސްޓިނޭޝަން ބްރޭންޑިންގ) ދަށުން މާކެޓް ކުރެވޭ ވަކި މަންޒިލްތަކެއް ކަމުގައި ހަދައި މިއާއެކު، ފަތުރުވެރިކަމުގެ އާ ޕްރޮޑަކްޓްތައް ތަޢާރަފްކޮށް އާ މާކެޓްތަކުން ފަތުރުވެރިން ގެނައުމަށް އިސްކަންދޭނެއެވެ.

ރަށުފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ރިސޯޓުތަކާއި ގުޅުވައި ކުދި ވިޔަފާރިތަކަށް އިތުރު ފުރުސަތު ހޯދައިދީ ރަށު އިގުތިސާދު ތަރައްގީކުރުމަށް މަގު ފަހިކޮށްދޭނެއެވެ. ފަތުރުވެރިކަމުގެ ސިނާޢަތުގައި ދިވެހި މަސައްކަތްތެރިން އިސް ސަފަށް ގެންދިއުމަށް ބޭނުންވާ ހުނަރާއި ތަޢުލީމު ފޯރުކޮށްދީ އެފަދަ މަގާމުތަކަށް ގާބިލު ދިވެހި މުވައްޒަފުން ބިނާކުރާނެކަމަށާ، ދުނިޔޭގެ ނަން މަޝްހޫރު ހޮސްޕިޓެލިޓީ ސްކޫލެއްގެ ކެމްޕަސްއެއް ރާއްޖޭގައި ގާއިމުކުރާނެކަމަށްވެސް ރައީސް ޞާލިޙުގެ ރިޔާސީ މެނިފެސްޓޯގައި ބަޔާންކުރައްވާފައިވެއެވެ.

ދިވެހިރާއްޖޭގެ މުއްސަނދި ތަރިކައާއި ސަގާފަތާއި ދީން ދައްކުވައިދޭ އައު ފަތުރުވެރިކަމުގެ ޕްރޮޑަކްޓްސް ތަޢާރަފްކުރައްވާނެކަމަށާ، މިގޮތުން ރާއްޖޭގެ ތާރީހާއި އެވޭލާ ދިރިއުޅުމާއި އާސާރުތައް ދައްކުވައިދޭ މަރުކަޒެއް ޒަމާނީ ވަސީލަތްތަކާއެކު ބިނާކުރާނެކަމަށްވެސް މި މެނިފެސްޓޯގައިވެއެވެ.

ގްރޭޓަރ މާލެ ސަރަހައްދުގައި ދުނިޔޭގެ ފެންވަރުގެ ބޮޑެތި ކޮންފަރެންސްތައް ހޯސްޓް ކުރެވޭނެގޮތަށް، އެންޓަރޓައިންމަންޓް ކޮމްޕްލެކްސްއަކާއެކު ކޮންވެންޝަން އައިލެންޑެއް ތަރައްގީކުރުމާއި ފަތުރުވެރިކަމުގެ ސިނާއަތް ސިންދަފާތުކުރުމަށް، ދުނިޔޭގެ ބޮޑެތި ކްރޫސްލައިނަރތަކަށް ބޭނުންވާ ހިދުމަތްތައް ލިބޭނެ ގޮތަށް ރާއްޖޭގެ އުތުރާއި ދެކުނު އަދި މާލެ ސަރަހައްދުގައި ކްރޫސް ޓަރމިނަލްތަކާއި ހިދުމަތް ލިބޭ އެހެނިހެން ވަސީލަތް ގާއިމުކުރާނެކަމަށް ވެސް މެނިފެސްޓޯގައި ވެއެވެ. އަދި މައިސް ޓޫރިޒަމް ފުޅާކުރުމަށް ރާއްޖޭގެ ވަކި ސަރަހައްދެއް ކަނޑައަޅައި ވަސީލަތްތައް ގާއިމުކުރުމާއި ފަތުރިވެރިކަމުގެ ރިޒޯޓުތަކާ ގާތުން އަރބަން ސެންޓަރުތަކުން ފަތުރުވެރިކަމުގެ ސިނާއަތުގެ މަސައްކަތްތެރިންނަށް ހާއްސަ ބޯހިޔާވަހިކަމުގެ ސްކީމްތަކެއް ތައާރަފްކޮށް، ސްކޫލްތަކުން ޖާގަ ހޯދުން ފަދަ އިޖްތިމާއީ އަދި އިގްތިސާދީ ފުރުސަތުތައް ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސެވުމަކީވެސް ރައީސް ޞާލިޙުގެ އަންނަ ރިޔާސީ ދައުރުގައި ކުރައްވަން ނިންމަވާފައިވާ ކަންކަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން