ވިލިފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޙަސަން އަފީފް އަލުން އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ދަޢުވަތު ދެއްވައިފިއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕޭނުގައި ތ. ވިލިފުށީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް މިއަދު ވިދާޅުވީ، ވިލިފުއްޓަށް ވަޑައިގެންނެވުމުން އެންމެ ބޮޑަށް އުނިވަނީ އެމަނިކުފާނުގެ އަޚް ޙަސަން އަފީފު އެމްޑީޕީ އާއެކު ނެތުން ކަމަށެވެ. ސަރުކާރާމެދު ހިތްޕުޅުހަމަޖެހި ވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ އަފީފް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސް އަށް ގުޅިވަޑައިގެންފައެވެ.

ރައީސް މިއަދު ވިދާޅުވީ، އަފީފަކީ ވަރަށް އިހުތިރާމްކުރާ ސިޔާސީ ބޭފުޅެއް ކަމަށާއި، އެހެންނަމަވެސް ޕާޓީގެ އެތެރޭގެ ހަލަބޮލިކަމުގައި ޕާޓީ ދޫކޮށްލެއްވުމަކީ އަފީފް އިތުރަށް ވިސްނަވަން ޖެހޭ ކަމެއް ކަމަށެވެ. އޭގެ އިތުރުން އެނބުރި ވަޑައިގެންފިނަމަ އަފީފަށް އަދިވެސް ކުރީސަފުން ޖާގަ އޮންނާނެ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

"އަބަދުވެސް އެމްޑީޕީގަ އެބޭފުޅުންނަށް ޖާގަ އޮންނާނެ، ކުރީ ގޮނޑިބަރިން ޖާގަ އޮންނާނެ އެއީ ޚިދުމަތް ކުރެއްވި ބޭފުޅުން." ރައީސް މިއަދު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މުސްތަޤުބަލް އޮތީ އެމްޑީޕީގައި ކަމަށާއި، އަފީފް ފަދަ ބޭފުޅުންނަކީ ސިޔާސީ ކުދިކުދި ހިޔާލު ތަފާތުވުންތަކުގައި ޕާޓީ ދޫކޮށްލަން ޖެހޭ ފަދަ ބޭފުޅުން ނޫން ކަމަށެވެ.

މަޖިލީހުގެ ވިލިފުށި ދާއިރާގެ މެންބަރު އެނބުރި އެމްޑީޕީއަށް ވަޑައިގަތުމަށް ރައީސް ދައުވަތު ދެއްވި އިރު، އެމްޑީޕީ ދޫކުރައްވައި ޑިމޮކްރެޓްސްއަށް ބަދަލުވި ބައެއް މެންބަރުން ވަނީ މި ފަހުން އަނެއްކާވެސް އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. އެގޮތުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވަނީ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން