ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުންނަށް މިއަދު ގޯތި ހަވާލުކުރަން ފަށާނެ ކަމަށް ހައުސިންގ މިނިސްޓްރީން ހާމަކޮށްފިއެވެ.

މާލޭ ސަރަޙައްދުން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. ބިންވެރިޔާ ސްކީމްގެ ދަށުން އެންމެ ބޮޑުކޮށް ދޫކުރަނީ 4،000 އަކަފޫޓްގެ ގޯއްޗެވެ. އަދި އެންމެ ކުޑަކޮށް ދޫކުރުމަށް ހަމަޖެހިފައިވަނީ 1،250 އަކަފޫޓްގެ ގޯއްޗެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ ގޯތި ހަވާލުކުރުން ކުރިއަށް ގެންދާނީ މިއަދުން ފެށިގެން ހުޅުމާލޭ ސިންތެޓިކް ޓްރެކް ސަރަހައްދުގައި ކަމަށާއި، ގޯއްޗާއި ޙަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އަންނަން ޖެހޭނެ ގަޑި އާއި ދުވަސް މިނިސްޓްރީން އަންގަމުން ދާނެ ކަމަށެވެ.

މިނިސްޓްރީން ބުނީ، ގޯތި ލިބުނު މީހާ ނޫން މީހަކު ގޯއްޗާ ހަވާލުވުމަށް ދާނަމަ ގެދޮރުވެރިން ޕޯޓަލް ގައިވާ ޕަވާ އޮފް އެޓާނީ ފުރިހަމަކުރުމަށް ފަހު ނޮޓޮރައިޒްކޮށް، ގޯއްޗާ ހަވާލުވުމަށާއި ގޯތި ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފޮނުވާ މީހާއާ ހަވާލުކުރަން ޖެހޭނެ ކަމަށެވެ. އޭގެ އިތުރުން ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގެ ނަމޫނާ އާއި ޕަވާ އޮފް އެޓާނީ މިއަދުން ފެށިގެން ގެދޮރުވެރިން ޕޯޓަލް އިން ފެންނަން ހުންނާނެ ކަމަށް މިނިސްޓްރީގެ އިޢުލާނުގައި ވެއެވެ.

މާލެ ސަރަހައްދުން ގޯތި ދިނުމަށް މި ސަރުކާރުން ފަށާފައިވާ ބިންވެރިޔާ ސްކީމަށް މަގުފަހިކުރުމަށްޓަކައި، ސީދާ ހައުސިން މިނިސްޓްރީއަށް ގޯތީގެ ރަޖިސްޓްރީ ދެވޭގޮތަށް އިއްޔެ ވަނީ ގަވާއިދު ވެސް އިސްލާހުކޮށްފަ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން 1،351 ގޯތި ދިނުމަށް ނިންމާފައިވާއިރު ގުޅީފަޅުން 2،218 ގޯތި ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ގިރާވަރު ފަޅުން 5،432 ގޯތި ދޭނެކަމަށް ހައުސިން މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން ތިބި ނަމަވެސް އޭގެތެރެއިން މިހާރު ލިބެން ހުރި 9003 ގޯތި ދެވެން އޮތީ އެތަނުން 18،948 މީހަކަށް ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެ ވަޑައިގެންނެވި ގޮތަށް މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހިންގާ "ބިންވެރިޔާ" ސްކީމަކީ، މިހާތަނަށް ރާއްޖޭގައި ހިންގާ ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން