ޕީޕީއެމްގެ ރިޔާސީ ޓިކެޓާމެދު ކުރީގެ ރައީސް ވަޙީދު ދައްކަވަމުންދާ ވާހަކަތަކުގެ އަޑުއެއްސެވުމަށް ޕީޕީއެމްގެ މެންބަރުންނަށް ރައީސް ޞާލިޙް ގޮވާލައްވައިފިއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕޭނުގައި ތ. ވިލިފުށީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް މިއަދު ވިދާޅުވީ، ރިޔާސީ އިންތިިހާބުގައި ރައްޔިތުން ނިންމަވާ ނިންމުމަކީ ވަރަށް މުހިންމު ނިންމުމެއް ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި ބަލަންޖެހޭނީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދީ ރައްޔިތުންގެ ހާލު ބެލި ރައީސަށް ކަމަށްވެސް ރައީސް ވިދާޅުވީ.

އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ފާޑުވިދާޅުވަމުން ރައީސް މިއަދު ވިދާޅުވީ، ކުރީގެ ރައީސް ވަހީދު އާއި މާލޭ ސިޓީގެ މޭޔަރ ޑރ. މުއިއްޒަކީ ވަރަށް ފަހަކާ ޖެހެންދެން އެކުގައި ސިޔާސީ މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށެވެ. ނަމަވެސް މިހާރު ޑރ. ވަހީދު ޕީއެންސީގެ ރިޔާސީ ޓިކެޓާ ގުޅިގެން ދައްކަވާ ވާހަކަތައް އަޑުއަހައި ޕީޕީއެމްގެ މެންބަރުން ގޯސް ނުހެއްދެވުމަށް ރައީސް މިއަދު ގޮވާލެއްވިއެވެ.

ރައީސް ވިދާޅުވީ ޕީއެންސީން ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯދާފައިވަނީ އޮޅުވާލައިގެން ކަމަށާއި، އެކަމަކީ ޕީޕީއެމްގެ މެންބަރުން ވިސްނަންޖެހޭ ކަމެއް ކަމަށެވެ.

"ވިދާޅުވީ، މިތަނުން އެބަފެނޭހެއްޔޭ އެކުލަ. ނެތެއްނޫންހޭ ފެންނާކަށް. ދިދައެއްވެސް ނެތެއްނޫންހޭ ކުރިމަތިލައްވައިގެން އުޅޭ ޕާޓީގެ. އޮޅުވާލައިގެން ހޯދައިގެން އުޅޭ ޓިކެޓެކޭ." ޑރ. ވަޙީދު ވިދާޅުވި ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ދޮރު ބަންދުވީ އެ މަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި އޮތުމުންނެވެ. އަދި ރައީސް ޔާމީންގެ ނޯޓަކާ ޙަވާލާދީ ޕީއެންސީން ކެންޑިޑޭޓަކު ނެރެން ނިންމައި އެ ޕާޓީގެ ސެނެޓުގައި ނެގި ވޯޓު ކާމިޔާބުކުރައްވައި ޕީއެންސީގެ ޓިކެޓު ކާމިޔާބުކުރެއްވީ ޑރ. މުހައްމަދު މުއިއްޒުއެވެ.

ވިލިފުށީގައި ރައީސް މިއަދު ވިދާޅުވީ ވިލުފުށީގައި އެއާޕޯޓާއި އަދި ހޮސްޕިޓަލް އެޅުމަށް ވައުދުވީ އެމަނިކުފާނު ކަމަށެވެ. އަދި އެ މަޝްރޫ ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓު ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ވިލިފުށީގައި 100 ރޯ ހައުސް އަޅައިދެއްވާނެ ކަމަށާއި، ރަށުގެ ހޮސްޕިޓަލް އަޅައި ނިމެންދެން ރަށުގެ ސިއްހީ މަރުކަޒުގައި އަންހެނުންގެ ޑޮކްޓަރަކާއި އަދި ކުޑަކުދިންގެ ޑޮކްޓަރެއް ބަހައްޓައިދެއްވާނެ ކަމަށާއި، ވިލުފުށީގެ ތާރު ނޭޅި ހުރި ހުރިހާ މަގުތަކުގައި ތާރު އަޅައިދެއްވާން ކަމަށް ރައީސް މިއަދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން