ރައްޔިތުންނަށް ކަމެއް ކޮށްދޭން ބޭނުންވާނެ ބައެއް އިދިކޮޅުގައި ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕޭނުގައި ތ. ދިޔަމިގިލީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް މިއަދު ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ވަމުންގެންދާ ވައުދުތައް ރައްޔިތުން ރަނގަޅަށް ދިރާސާކުރަން ޖެހޭކަމަށެވެ. ރައީސް ވިދާޅުވީ، ރިޔާސީ ކެންޑިޑޭޓުންގެ ތެރޭގައި ރައްޔިތުންނަށް ކަމެއް ކޮށްދޭން ބޭނުންވާނެ ބައެއް ނެތްކަމަކީ ފެންނަން އޮތް ޙަޤީޤަތް ކަމަށެވެ.

އެމްޑީޕީއަކީ ވައުދުވެ އެވައުދުތައް ފުއްދާ ބައެއްކަން ފާހަގަކުރަށްވަމުން ރައީސް ވިދާޅުވީ، މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ހިންގާފައި ނުވާވަރަށް މި ސަރުކާރުން ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވާ ކަމަށެވެ. އަދި ދިޔަމިގިއްޔަށް ވެފައިވާ ވަޢުދުތައްވެސް ފުއްދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އޭގެ ތެރޭގައި ގައުމަށް ކަމެއް ކޮށްދޭން ބޭނުންވާނެ ބައެއް ނެތް، ވީ އިހުމާލު، ރައްޔިތުންގެ ފައިސާއަށް ވީ އިހުމާލު. އެހެން ނޫން ނަމަ، މި ހާލަތަކު ނޫން އޮންނާނީ،" ރައީސް މިއަދު ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ، ދިޔަމިގިއްޔާ މަޑިފުށި ކޯޒްވޭއަކުން ގުޅާލައި ބިން ހިއްކަވާނެކަމަށެވެ. ހަމައެއާއެކު އެރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ދާދި އަވަހަށް ފަށައި ރިވެޓްމަންޓް ޖަހާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން ދިޔަމިގިލީގެ މަގުތައް ޒަމާނީ ފެންވަރަށް ހަދައި ތާރު އަޅުއްވާނެކަމަށާއި، ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި ފަރުމަހުގެ މަސްވެރިކަންކުރާ ފަރާތްތަކަށް ޚާއްސަކޮށް 10 ޓަނުގެ އައިސް ޕްލާންޓެއް ގާއިމްކުރައްވާނެ ކަމަށާއި، ސްކޫލަށް ބޭނުންވާ އިތުރު ވަސީލަތްތަކާއެކު މަލްޓިޕަރޕަސް ހޯލެއް ތަރައްޤީކޮށްދެއްވާނެ ކަމަށްވެސް ރައީސް މިއަދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން