ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކޮޅުމަޑުލު ދިޔަމިގިލީ އިންޖީނުގެއާއި، ފެނަކަ އައު އޮފީސް ޢިމާރާތާއި، ކުޑަކުދިންގެ ޕާކު ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިތަންތަން ހުޅުއްވައި ދެއްވީ، މިއަދު އެމަނިކުފާނު ކޮޅުމަޑުލަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު ދިޔަމިގިއްޔަށް ކުރެއްވި ޒިޔާރަތުގައި ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވައެވެ.

ރައީސް އޮފީހުން ބުނީ، މިއަދު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި، ފެނަކަ އައު އޮފީސް ޢިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޒަމާނީ އޮފީސް ޢިމާރާތެއް ކަމަށެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި ދިޔަމިގިލީ ކުޑަކުދިންގެ ޕާކަކީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، ދިޔަމިގިލީ ކައުންސިލް، އަދި ފެނަކަ ކޯޕަރޭޝަންގެ އެހީތެރިކަމާއިއެކު ހަދާފައިވާ ޕާކެކެވެ.

އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރުމަތިކޮށް ޚިދުމަތްތައް ފުޅާކުރެއްވުމަށް ސަރުކާރުން ވަނީ ރަށްރަށުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގައި ނިންމާފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެތަންތަން ރަސްމީ ގޮތުން ހުޅުއްވައި ދެއްވައި، ޚިދުމަތްތައް ދަނީ އިފްތިތާޙްކޮށްދެއްވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ސަރުކާރުގެ ސިޔާސަތަކީ ވަކިރަށެއް ތަފާތުކުރުމެއްނެތި ހުރިހާ ރަށަކަށްވެސް ތަރައްޤީ ކަށަވަރުކޮށްދިނުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން