އަމާޒަކީ 2028 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓަކީ ބެލެންސް، އަރަނި ބަޖެޓަކަށް ހެދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕޭނުގައި ތ. ގާދިއްފުށީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް މިއަދު ވިދާޅުވީ، ކުރިއަށް އޮތް ދައުރު ނިމޭއިރު ދަޢުލަތަށް 50 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށާއި، އޭގެ ފަހުން ދެން މަޖިލީހަށް ހުށައަޅާނީ އަރަނި ބަޖެޓެއްކަމަށެވެ.

ރައީސް މިއަދު ވިދާޅުވީ، އެމަނިކުފާނުގެ ވަޢުދުތަކަކީ ޕްލޭން ކުރެވިގެން ވަމުންދާ ވަޢުދުތަކެއް ކަމަށެވެ. އެގޮތުން ދެވަނަ ދައުރަށް ވަމުންދާ ވަޢުދުތަކަށް ފައިސާހޯދުމުގެ މަސައްކަތް މިހާރުވެސް ފަށާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު ރާއްޖޭގެ އިގުތިޞާދު 170 ބިލިއަން ރުފިޔާ ފަހަނައެޅުމުގެ ނަތީޖާއަކަށް ވެގެންދަނީ ދައުލަތަށް ލިބެންޖެހޭ އާމްދަނީ 45 ބިލިއަން ރުފިޔާ ފަހަނައަޅައި، 50 ބިލިއަނާ ހަމައަށް އަމާޒު ހިފުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ 2028 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓަކީ ބެލެންސް، އަރަނި ބަޖެޓަކަށް ހެދުން،" ރައީސް ވިދާޅުވިއެވެ.

ނަމަވެސް އެގޮތަށް އިޤްތިޞާދު ތަރުތީބު ކުރުމަށް ދެތިން އަހަރު އިތުރަށް ބޭނުންވާ ކަމަށާއި، ދެވަނަ ދައުރެއް ބޭނުންވަނީ އެކަމަށްޓަކައި ކަމަށެވެ.

އެމްޑީޕީގެ މެނިފެސްޓޯ ލޯންޗު ކުރުމަށް ޝޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައިވެސް ރައީސް ޞާލިޙް ވަނީ އެމަނިކުފާނުގެ މި އަމާޒު ރައްޔިތުންނާ ޙިއްސާ ކުރަށްވާފައެވެ. ރައީސް އެ ޖަލްސާގައި ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އިގްތިސާދު ދެގުނަކުރުން ކަމަށެވެ. އޭގެ އިތުރުން ރާއްޖޭގެ އިގްތިޞާދު ފުޅާކުރުމުގައި ސަރުކާރުގެ ވިސްނުންހުރީ ޕްރައިވެޓް ސެކްޓަރާއި އެކުގައި އެމަސައްކަތް ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން